އެންޓި ޑިފެކްޝަން ޤާނޫނަކީ އެއް އިރެއްގައި ވެސް ތާއީދުކުރި ޤާނޫނެއްނޫން: ނަޝީދު

އެންޓި ޑިފެކްޝަން ޤާނޫނަކީ އެއްވެސް އިރެއްގައި ތާއީދުކުރެއްވި ޤާނޫނެއްނޫން ކަމަށް ކުޅުދުއްފުށީ ދެކުނުދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު ވިދޅުވެއްޖެއެވެ.

މެމްބަރު ނަޝީދު މިހެން ވިދާޅުވީ އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވާ އެންޓިޑިފެކްޝަން ޤާނޫނާ ބެހޭގޮތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

"އެންޓި ޑިފެކްޝަންގެ ޤާނޫނަކީ އަޅުގަނޑު ތާއީދުކުރި ޤާނޫނެއްނޫން. އަޅުގަނޑު ޤަބޫލުކުރަނީ އެއީ ޤާނޫނު ޢަސާސީއާ ޚިލާފު ޤާނޫނެއް ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުޅުވީ އެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ތޭރަ ޖުލައިގައި ސްޕްރީމްކޯޓުން ޙުކުމެއް ނެރުއްވުމުގެ ކުރިން، މިކަމާބެހޭ ބަހުސް ފެށުނު ހިސާބުން ވެސް އެއާ ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށެވެ.

ސަރުކާރުގެ ހުރިހާ ކަމަކަށް އެއްޗެއް ވިދާޅުނުވާ ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހާބެހޭ ގޮތުން ވާހަކަ ދެކެވެން ފެށުމުން ބައެއް މަޢުޟޫތަކަށް އޭނާއަށް ފެންނަގޮތް ހާމަކުރައްވައިފައިވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލެއް ނުކުރަން ސްޕްރީމްކޯޓުން އެނުކުތް ޙުކުމަކީ ޤާނޫނު ޢަސާސީގެ ތަރަޙައިގެ ތެރެއިން ނުކުތް ޙުކުމެއް ކަމަށް. ސްޕްރީމްކޯޓުގެ ޙުކުމަކަށްވާތީ އެއަށް އިޙުތިރާމްކުރަން. އެހެންނަމަވެސް އެޙުކުމުގައި އެވާ ކޮންޓެންޓް ބަލައިގަތުމަކީ ފަސޭހަކަމެއްނޫން. އެ ޙުކުމާ ގުޅިގެންވެސް ހަތަރު ފަހަރަކަށް އަޅުގަނޑަށް ވިސްނޭގޮތް (މިކަމާބެހޭ ގޮތުން) ހުށަހެޅިން،" ނަޝީދު ވިދާޅުވިއެވެ. އޭގެ އިތުރަށް ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރު ކުރުމާ ބެހޭގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ނަޝީދު ވިދާޅުވިއެވެ. ޚާއްސަކޮށް ޤާސިމް އިބްރާހީމްގެ ޣައިރު ޙާޒިރުގައި ޙުކުމް ކުރެއްވުމުން އޭނާގެ ޙާޒިރުގައި ޙުކުމް ކުރުމާބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މަޖިލީހުގެ ބާރަ މެމްބަރުން މަޖިލީހަށް ނުވަދެވި އޭގެތެރެއިން ބައެއް މީހުން ބަންދުވުމާގުޅިގެން ޕްރޮސެކިޔުޓަރޖެނެރަލްގެ ޒިންމާއާ ބެހޭގޮތުން އަޅުގަނޑުވާނީ ވާހަކަ ދައްކައިފައި. މަޖިލީހުގެ މެމްބަރުނާމެދު އޭރު ކަންތައް ވެގެންދިޔަގޮތަކީ އަޅުގަނޑު އެއްއިރެއްގައިވެސް ޤަބޫލުކުރި ކަމެއްނޫން. އަދި އެކަމާބެހޭ ގޮތުން އަޅުގަނޑަށް ވާހަކަ ދެއްކެވުނު މިންވަރަކުން އަޅުގަނޑު ހުންނާނީ ވާހަކަ ދައްކައިފައި. އެހެންނަމަވެސް އިތުރަށް އަޅުގަނޑަށް ކުރެވޭނެ ކަންތައްތަކެއް އޭރަކުނެތް،" ނަޝީދު ވިދާޅުވިއެވެ.

"އެންޓި ޑިފެކްޝަން ޤާނޫނުއައުމާ ގުޅިގެންވެސް އަޅުގަނޑު ޤަބޫލުކުރީ އެއީ ޤާނޫއަސާސީއާ ޚިލާފަށް އައި ޤާނޫނެއް ކަމަށް. ސްޕްރީމްކޯޓުގެ ޙުކުމަށް ޤާނޫނީ އޮނިގަނޑެއް ތައްޔާރު ކުރުމަށް ގެނައި އެއްޗެއް ކަމަށް. އެއަށް ވޯޓަށް އެހިގޮތް ވެސް އަދި އޭގައި ލިޔެފައިވާ އެއްޗެއް ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ ރަނގަޅު ކަމެއްކަމަށް އަޅުގަނޑަށް ނުފެނުނު. އަޅުގަނޑު އަދިވެސް ޤަބޫލު ކުރަނީ ޤާނޫނުޢަސާސީގެ ހަތްދިހަ ތިންވަނަ މާއްދާގައި ކަނޑައެޅިގެން ހަތަރު ޙާލަތެއް ބަޔާންކޮށްފައި އޮތްއިރު އޭގެއިތުރަށް ޤާނޫނަކުން ވެސް އަދި ޙުކުމަކުން ވެސް ދެނެއް އިތުރެއް ނުކުރެވޭނޭ، އެކަން ކުރަންޖެހޭނީ ޤާނޫނު ޢަސާސީ ބަދަލުކޮށްގެންނޭ،" ނަޝީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.