މާލޭގެ މަގުތަކުގައި ފެންބޮޑުވެ ސްކޫލްތަކުގެ ބަޔެއް ކްލާސްތައް ކެންސަލް

ރެޔާއި މިއަދު މާލެއަށް ވެހެމުންދާ ވާރޭގެ ސަބަބުން މާލޭގެ ހުރިހާ މަގެއްގައިވެސް ފެންބޮޑުވެފައިވާތީ ބަޔެއް ސްކޫލްތަކުގެ އިތުރު ހަރަކާތްތަކާއި ބަޔެއް އިތުރު ކްލާސްތައް ކެންސަލް ކޮށްފިއެވެ.

މާލޭގެ ބަޔެއް ސްކޫލްތަކުން މައުލޫމާތު ދިންގޮތުގައި މަގުތަކުގައި ހެދުނު ފެންގަނޑު ސްކޫލްތަކުގެ ގޯތިތެރެއަށްވެސް ވަނީ ވަދެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ރަސްމީ ބަޔެއް ކްލާސްތަކުގެ ވަގުތުވެސް ބަޔެއް ސްކޫލްތަކުން ވަނީ މަދުކޮށްފައެވެ.

ސްކޫލްތަކުގެ އިތުރުން ބަޔެއް އޮފީސްތަކާއި ފިހާރަތަކަށްވެސް ވަނީ ފެންވަދެފައެވެ. އެހެންވެ ބަޔެއް ޚިދުމަތްތައް މިއަދު އާންމު އުސޫލުން ވަނީ ކުރިޔަށް ނުގެންދެވިފައެވެ. ހައުސިންގ މިނިސްޓްރީން ބުނެފައި ވަނީ ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ހެދުނު ފެންގަނޑު ނުހިނދި ގިނައިރު ވަނީ ފެން ހިންދުމަށް މާލޭގެ އެކިހިސާބު ތަކުގައި ބަހައްޓާފައިވާ ސްޓޭޝަން ތަކަށް ބަޔަކު ގެއްލުން ދީފައިވާތީ ކަމަށެވެ.

މާލޭގައި ފެންބޮޑުވެ ހިނގައި އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަށްވެސް އުދަނގޫ ވެފައިވާތީ މިއަދު އެންމެ ގިނަބަޔަކަށް ހޯދަން އުދަނގޫ ވެފައިވާ އެއް ޚިދުމަތަކީ ޓެކްސީގެ ޚިދުމަތެވެ. ޓެކްސީ ޑްރައިވަރަކު ބުނީ ފެންބޮޑުވުމުގެ ސަބަބުން ގިނަ ޓެކްސީތައް މިހާރު ޕާކު ކޮށްފައިވާ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.