ސަޢުދުﷲ ގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙިލްމީގެ ގޮނޑި  ވެސް ގެއްލިފައިނުވާ ކަމަށާއި އޭނާއަކީ އަދިވެސް ރައްޔިތުން މަޖިލީހުގެ މެންބަރެއް ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުން ކުރެއްވި ޙުކުމުގައި ވިދާޅުވެފައިވަނީ ސަޢުދުﷲ ޙިލްމީ މެންބަރު ކަމުން ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމެވިޔަސް ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ އަމުރުގައި ވިދާޅުވެފައިވާ އުސޫލުތަކަށް ސަޢުދުﷲ ނުފެތޭތީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމެވީ ކަމަށެވެ. އެހެން ކަމުން އީސީން ނިންމެވި ނިންމެވުން މިއަދުން ފެށިގެން ބާޠިލް ކަމަށް ސްޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ޙުކުމުގައި ވިދާޅުވެފައިވެއެވެ.

ސްޕްރީމް ކޯޓުން މިއަދު ވަނީ ސަޢުދުﷲ ޙިލްމީގެ އިތުރަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ އަޙުމަދާއި، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަޙުމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ޙުކުމް ކުރައްވައިފައެވެ. މި ބޭފުޅުންގެ އިތުރަށް ސްޕްރީމް ކޯޓުން ކުރިން ވަނީ 4 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅުއްވައިފައެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅައިފައިވާ 12 މެމްބަރުންގެ ތެރެއިން ގޮނޑިއާމެދު ގޮތެއް ނުނިމި އަދި 4 މެމްބަރުން އެބަތިބިއެވެ. އެ އެމްބަރުންގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި މިހާރުވަނީ ޙުކުމަކާ ހަމައަށް އައިސްފައެވެ.

ގޮނޑި ނުގެއްލޭ ކަމަށް ނިންމެވުމުން މެމްބަރުން ވިދާޅުވެފައިވަނީ އެއީ ލިބުނު ނަސްރެއް ކަމަށެވެ. ކުރިއަށްއޮތާގައި ވެސް ރައްޔިތުންނާ ގުޅިގެން އިޞާލާޙަށް މަސައްކަތް ކުރައްވާނެ ކަމަށް އެމެމްބަރުން ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.