އިންޑޮނޭޝިޔާގެ ލަޔަން އެއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

ލަޔަން އެއާގެ މަތިންދާބޯޓެއް ފުރަން ތައްޔާރުވެފައި

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއިން ޕަންގްކަލްޕިނާންގަށް ދަތުރުކުރި އެގައުމުގެ ލަޔަން އެއާގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

188 މީހުންނާއިގެން ދަތުރުކުރި ބޮއިންގ 737 މަރުކާގެ މަތިންދާބޯޓު ވެއްޓިފައި ވަނީ ޖަކާޓާއިން ފުރިތަނާއެވެ. ޚަބަރުލިބޭ ގޮތުގައި ބޯޓު ފުރިފަހުން މަދު މިނިޓްކޮޅެއްގެ ތެރޭގައި އެއާޓްރެފިކް ކޮންޓްރޯލާއި ބޯޓާއި ގުޅުން ވަނީ ކެނޑިފައެވެ. ވެއްޓުނު އިރު ބޯޓުގައި ތިބީ 178 ބޮޑު މީހުންނާއި، 1 ކުޑަކުއްޖަކާއި، 2 ތުއްތު ކުދިންނާއި، 2 ޕައިލެޓުންނާއި، 5 ފްލައިޓް އެޓެންޑެންޓުންކަން ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަން އަދި އެނގިފައި ނެތެވެ. ވެއްޓުނު މަތިންދާބޯޓަކީ 737 މެކްސް 8 ގެ އާ މަތިންދާބޯޓެކެވެ. އެއީ 2016 ވަނަ އަހަރު ތައާރަފުކުރި އާ ޖީލުގެ 737 އެކެވެ.  

ލަޔަން އެއާގެ ފްލައިޓް ނަންބަރު 610-ޖޭޓީ ފުރީ އިންޑޮނޭޝިޔާ ގަޑިން މިއަދު ހެނދުނު 6:20 (މާލޭ ގަޑިން ފަތިހު 4:30) ގައެވެ. 6:33 ގައި ބޯޓާ ގުޅުން ކެނޑިއްޖެއެވެ. ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ތަރުޖަމާނު ޔޫސުފު ލަޠީފު ބުނިގޮތުގައި އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ޖާވާ ޕްރޮވިންސުގެ ހުޅަނގުގައި އޮންނަ ކަރަވަންގް ކައިރިންނެވެ.  

ފްލައިޓްރާޑާ24 ގެ ޑާޓާއިން ދައްކާ ގޮތުގައި މަތިންދާބޯޓު 5000 ފޫޓު މައްޗަށް އަރާފައި، ތިރިއަށް ވެއްޓިފައި އަނެއްކާވެސް މައްޗަށް އަރާފައި ދެން ވެއްޓުނު ގޮތަށް ކަނޑަށް ވެއްޓުނީއެވެ. އެންމެ ފަހުން ބޯޓާ ގުޅުނުއިރު، ފުރި އެއާޕޯޓަށް އެނބުރި އަންނަން އެދުނު ކަމަށް ވެއެވެ.  

މަތިންދާބޯޓު ވެއްޓުނު ކަރަވަންގް ބޭއަކީ 30-35 މީޓަރު ފުން ސަރަހައްދެކެވެ. ބޯޓުގެ ހަލާކުވެފައިވާ ބައިތައް މިހާރު ފެންމަތިން  ފެންނަމުން އެބަދެއެވެ. އިންޑޮނޭޝިޔާ ސަރުކާރުގެ ހަކަތަ ކުންފުނި ޕެރްތަމިނާއިން ބުނާ ގޮތުގައި މޫދުގައި ހުރި ތެޔޮ ސާފުކުރާ ތަނެއްގެ ކަރިން ބޯޓުގެ ބައިތަކާއި، ބޯޓުގެ ގޮނޑިތަކެއް ފެނިފައިވެއެވެ.

ލަޔަން އެއާއަކީ މިހާރު އިންޑޮނޭޝިޔާގައި ހަލުވިކޮށް ކުރިއަރަމުން އަންނަ ބަޖެޓް އެއާލައިނެކެވެ. މިއަދު ބޯޓު ވެއްޓުމުގެ ހާދިސާއަކީ ބޮއިންގ 737 މެކްސް 8 މަރުކާގެ ބޯޓަކަށް ދިމާވި ފުރަތަމަ ހާދިސާއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.