އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާނެ ކަމަށާއި، އެހެންކަމުން ނޮވެމްބަރު 17 އާ ހަމައަށް ކެތްތެރިވެ ވުމަށް ކަމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު އޮތް ޖަލްސާގައި ޕީޕީއެމްގެ މެމްބަރު އާރިފް ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް ރާއްޖޭގެ ރައީސް ކަމުގެ ހުވާ ކުރައްވާނެކަން ކަށަވަރު ކަމަށާއި އިންތިޚާބުވެވަޑައިގެންނެވި ފަހުން މިވީ ދުވަސްތަކުގައިވެސް ކެތްތެރިވި ގޮތަށް ދެން އޮތް މަދު ދުވަސްކޮޅުގައިވެސް ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އާރިފް ވިދާޅުވީ އިންތިޚާބީ ރައީސް ލައްވައި ގޯހެއް ނުހެދުން އެދިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ރައީސް ޔާމީނަށްވެސް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވަން ނޮވެމްބަރު 17 އާ ހަމައަށް ވަގުތު ދެއްވަންޖެހޭނެ ކަމަށެވެ. އަދި އިންތިޚާބީ ރައީސް ހުވާ ކުރައްވާނެ ސީދާ ތާރީޚެއް ގާނޫނުގައި ނެތް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ފެށުނު ދުވަހުން ބަލައިފިނަމަ ނޮވެމްބަރު 17 އަށް މުއްދަތު ހަމަވެ އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްއަށް ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެ ކަމަށް އާރިފް ވިދާޅުވިއެވެ.
އާރިފް ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙަށްވެސް އިލްތިމާސެއް ކުރައްވާފައެވެ. އޭނާ ވިދާޅުވީ އިބްރާހިމް މުޙަންމަދު ސޯލިޙް ޤާނޫނު އަސާސީއަށް ތަބާވެވަޑައިގަންނަވާނަމަ ރައީސް އަބްދުﷲ ޔާމީންއަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރައްވަން ފުރުޞަތު ދެއްވައި ނޮވެމްބަރު 17 ވަނަ ދުވަހު ހުވާ ކުރައްވަން ކެތްތެރިވެވަޑައިގަތުމެވެ.