އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްއަށް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވޭނެ ކަމަށާއި އެކަމާމެދު ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ގިނަދުވަސް ތަކެއް ވަންދެން މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ދިގުލައި ދިޔުމަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޤާނޫނުގައި ވާގޮތުން އިންތިޚާބީ ރައީސާއި އިންތިޚާބީ ނައިބު ރައީސް މަގާމުގެ ހުވާ ކުރެއްވުން ނޮވެމްބަރު 11 ގައި ބޭއްވިދާނެތޯ ނުވަތަ ނޫންތޯ މިއީ ބަހުސެއް ކުރަންވެސް ކޮންމެހެންޖެހޭ ކަމެއް ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ދިވެހިރާއްޖޭގައި ރިޔާސީ ދައުރު ފެށިގެން އަންނަނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމަށެވެ. އެވާހަކަ ގާނޫނު އަސާސީންވެސް ކަށަވަރުވާ ކަމަށް ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީ އެކުލަވާލިއިރު ރާއްޖޭގައި އިންތިޚާބުވާ ރައީސް ހުވާ ކުރައްވާނެ ދުވަހަކާމެދު މެމްބަރުން އޭރުވެސް ބަހުސް ކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ގާނޫނު އަސާސީގެ ރޫޙަކީ އިންތިޚާބީ ރައީސް އާއި އިންތިޚާބީ ނައިބު ރައީސްގެ ދައުރު ނޮވެމްބަރު 11 ވަނަ ދުވަހު ފެށިގެން ދިޔުން ކަމަށެވެ.
އިންތިޚާބީ ރައީސް ހުވާ ކުރައްވަންޖެހޭނެ ދުވަހެއްގެ ކަންތަކުގައި ކޯލިޝަނާއި ޕީޕީއެމްގެ ވިސްނުން ދެކަފި ވެގެން ގޮސްފައިވާއިރު އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް މިއަދު އެމަނިކުފާނަކީ ގާނޫނު އަސާސީއާ ޚިލާފަށް ހުވާ ކުރެއްވި ބޭފުޅެކޭ އެއްވެސް ޒަމާނެއްގައި ބުނުމުގެ ފުރުޞަތުދޭން ބޭނުންވެވަޑައި ނުގަންނަވާ ކަމަށެވެ.