އިސްރާއީލަކީ ދައުލަތެއްކަން ގަބޫލުކުރަންޖެހޭ ވަގުތު ޖެހިއްޖެ: އޮމާން

އޮމާންގެ ސުލްޠާން ޤާބޫސް ބިން ސަޢީދު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވަނީ

އިސްރާއީލަކީ ދައުލަތެއްކަން ގަބޫލުކުރަންޖެހޭ ވަގުތު އަތުވެއްޖެ ކަމުގައި ސަލްޓަނެޓް އޮފް އޮމާންއިން އިއްޔެ ބުނެފިއެވެ. އޮމާންއިން މިހެން ބުނެފައި މިވަނީ ކުއްލި ދަތުރެއްގައި އިސްރާއީލުގެ ބޮޑުވަޒީރު އޮމާނަށް ޒިޔާރަތްކޮށް ސުލްޠާބް ޤާބޫސް ބިން ސަޢީދުއާ ބުރާސްފަތި ދުވަހު ބައްދަލުކޮށްފައި ވަނިކޮށެވެ.

"އަހަރެން މިިވާހަކަ މިބުނަނީ ފުރަތަމަ ފަހަރަށް. .... އިސްރާއީލަކީ މި ސަރަހައްދުގައި އޮތް ގައުމެއް. އަހަރުމެން އެންމެންނަށް އެކަން އެނގޭ." 'މަނާމާ ޑައިލޮގް' ކޮންފަރެންސް ގައި އިއްޔެ ވާހަކަފުޅުދައްކަަވަމުން އޮމާންގެ ޚާރިޖީ ވަޒީރު ޔޫސުފު ބިން ޢަލަވީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މެދުއިރުމަތީގައި 'ޤަރުނުގެ އެއްބަސްވުން' އެކުލަވާލުމުގެ މަޤްސަދުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް އިސްވެ ހުންނަވައިގެން ކުރައްވާ މެދުއިރުމަތީގެ ސުލްހައިގެ މަސައްކަތަށް އޮމާން ތާއީދުކުރާ ކަމުގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ އަންހެނުން ސާރާއާއި މޮސާދުގެ ވެރިޔާ ބުރާސްފަތި ދުވަހު އޮމާނަށް ގޮސް ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމާ މެދު ވާހަކަދައްކާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބުނި ގޮތުގައި އިސްރާއީލާ ގަލްފު އަރަބި ގައުމުތަކާމެދު ގާތްގުޅުމެއް އުފެދެނީ ދެ ފަރާތުގެވެސް ދުޝްމަނަކަށް އީރާން ވާތީއެވެ. އަނެއްކޮޅުން، އިސްރާއީލުން ބޭނުންވަނީ މުސްލިމް ގައުމުތައް ބައިބައިކުރުމަށް ކަމަށް ބުނެ އީރާނުން ވަނީ ނަތަންޔާހޫގެ ދަތުރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިއީ 24 އަހަރުގެ ތެރޭގައި އިސްރާއީލުގެ ވެރިޔަކު އޮމާނަށް ދިޔަ ފުރަތަމަ ފަހަރެވެ. 1994 ވަނަ އަހަރުގެ ނޮވެންބަރު މަހު އޭރު އިސްރާއީލުގެ ބޮޑުވަޒީރު ޔިޓްޒަގް ރާބީން އޮމާނަށް ޒިޔާރަތްކޮށް ސުލްޠާން ޤާބޫސާ ބައްދަލުކޮށްފައި ވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ ނަތަންޔާހޫ އޮމާނަށް ދިޔައީ އޮމާނުން ދިން ދައުވަތާ ގުޅިގެން ދެގައުމުގެ ދެމެދުގައި ގިނަ ވާހަކަތަކެއް ދެކެވުމަށް ފަހުގައި ކަމަށެވެ. ނަމަވެސް އޮމާނުން ބުނީ ދަތުރު ހަމަޖެއްސީ އިސްރާއީލުގެ އެދުމަކަށް ކަމަށެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.