ސްރީލަންކާގެ ބޮޑުވަޒީރުކަމަށް ރޭ ގެނައި ބަދަލާއެކު އެގައުމުގެ ސިޔާސީ މަސްރަހު ވަރަށް މިހާރު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެ ހޫނުވެފައެވެ.
ސަރުކާރު ހިންގާ ކޯލިޝަނުން ރައީސު މައިތުރިޕާލާ ސިރިސޭނާގެ ޕާޓީ ޔުނައިޓެޑް ޕީޕަލްސް ފްރީޑަން އެލަޔަންސް (ޔޫއެފްޕީއޭ) ވަކިވުމަށް ފަހު ރޭގެ ވަގުތެއްގައި ރައީސު ސިރިސޭނާ ވަނީ ބޮޑުވަޒީރުކަމުން ރަނިލް ވިކްރަމަ ސިންހަ ވަކިކުރައްވައި ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމަށް އައްޔަންކުރައްވާފައެވެ. ރާޖަޕަކްސަ ވަނީ ރޭ ބޮޑުވަޒީރުކަމުގެ ހުވާކުރައްވާފައެވެ.
ރައީސު ސިރިސޭނާ ވެރިކަމަށް ވަޑައިގަތީ ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާ ގުޅިވަޑައިގެން 2015 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސު މަހިންދަ ރާޖަޕަކްސަ ބަލިކުރެއްވުމަށް ފަހުގައެވެ.
ބޮޑު ވަޒީރުކަމުން ރަނިލް ވަކިކުރެއްވުމާއެކު، ރަނިލްއަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ރައީސުު ސިރިސޭނާގެ އެ ނިންމެވުމަކީ ގާނޫނޫ އަސާސީއާ ޚިލާފު ނިންމެވުމެއް ކަމުގައެވެ. ޔޫއެންޕީއަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރެއް ކަމުގައިވާ ފިނޭންްސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވެފައި ވަނީ ރައީީސު ސިރިސޭނާ އެޅުއްވި ފިޔަވަޅަކީ ގާނޫނު އަސާސީއާ ޚިލާފު ޣައިރުގާނޫނީ ފިޔަވަޅެއް ކަމުގައެވެ. އޭނޭ އެކަން ސިފަކުރެއްވީ "ޑިމޮކްރެސީއާ ޚިލާފު ބަޣާވާތެއް" ގެ ގޮތުގައެވެ.
ކެބިނެޓް ސެކްރެޓަރީ ރައިތާ ސެނަރަތުނެ ބީބީސީއާ ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ ބޮޑުވަޒީރަކީ އަދިވެސް ރަނިލް ވިކްރަމަސިންހަ ކަމުގައެވެ.
2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގެ 225 މެންބަރުންގެ ތެރެއިން 215 މެންބަރުންގެ ތާއީދާއެކު އެގައުމުގެ ގާނޫނު އަސާސީއަށް ގެނެވުނު 19 ވަނަ އިސްލާހުން، ބޮޑުވަޒީރު މަގާމުން ދުރުކުރުމަށް ރައީސަށް ކުރިން ލިބިދީފައި އޮތް ބާރު ވަނީ ނިގުޅައިގެންފައެވެ. ރަނިލް ވިކްރަމަސިންހަ މަގާމުން ދުރުކުރީ ގާނޫނާ ޚިލާފަށްކަމަށް ބުނަމުން ދަނީ އެހެންވެގެންނެވެ.
ރޭ މަގާމުން ދުރުކުރެވުނު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ތާއީދު އޮތީ އޭނާއަށް ކަމަށާއި، އަދިވެސް ބޮޑުވަޒީރަކީ އޭނާ ކަމަށެވެ. ރަނިލް ވިދާޅުވީ ގާނޫނީ ގޮތުން ބޮޑުވަޒީރު މަގާމުން ދުރުކުރެވޭނީ ގާނޫނުހަދާ މަޖިލީހަށް ކަމުގައެވެ. ސްރީލަންކާގެ ގާނޫނުހަދާ މަޖިލީހުގައި ރައީސު ސިިރިސޭނާއާއި ރާޖަޕަކްސާއަށް ލިބިފައިވަނީ 95 ގޮނޑިއެވެ. ރަނިލް ޔޫއެންޕީއަށް 106 ގޮނޑި ލިބިފައި ވެއެވެ. މިވަރުން އެެއްވެސް ބަޔަކަށް އަޣުލަބިއްޔަތު ނުލިބެއެވެ.
ސްރީލަންކާގައި މި އުފެދުނު ސިޔާސީ ހަަލަބޮލިކަމާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ހުރިހާ ފަރާތަކުންވެސް ގާނޫނުއަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ގާނޫނީ ހަމަތަކުގެ މަތިން ކުރިއަށް ދިއުމަށް ގޮވާލާފައެވެ.