އެންޓިޑިފެކްޝަން ޤާނޫނެއް ރާއްޖޭގައި އޮންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެންޓިޑިފެކްޝަން ޤާނޫނެއް އޮންނަން ޖެހޭކަމަށާއި، ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ޕާޓީ ބަދަލުކުރާ މީހުންގެ ގޮނޑި ގެއްލެންޖެހޭނެ ކަމަށެވެ.
އެންޓިޑިފެކްޝަން ޤާނޫނު ބުނާ ގޮތުން އެ މެމްބަރަކު މަޖިލީހަށް ހޮވޭ ޕާޓީން އޭނާ ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކި ވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކަށް ސޮއި ކުރައްވައިފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ.
ވެރިކަންކުރާ ޕީޕީއެމް އިސްވެއޮވެ ހަދައިފައިވާ އެ ޤާނޫނު ބާތިލް ކުރުމަށް އެޕާޓީގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އޭނާ ވިދާޅުވެފައިވަނީ އެޤާނޫނުގެ ސަބަބުން މެމްބަރުންގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅެއެވެ.
އެ ޤާނޫނޫ އުވާލުމަށް މަޖިލީހަށް ހުށަހެޅުމުން އެއީ އުވައިލަންޖެހޭ ޤާނޫނެއް ނޫން ކަމަށް ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އެ ޤާނޫނު އުވައިލުމުގެ ބަދަލުގައި އިސްލާހު ކުރަންޖެހޭ ކަމަށް އެ މެމްބަރުން ވިދާޅުވެފައިވެއެވެ.
ޖޭޔޫ ވެސް ވިދާޅުވެފައިވަނީ އެ ޤާނޫނު އިސްލާހު ކުރުމަށްފަހު ބާއްވަންޖެހޭ ކަމަށެވެ. "އެންޓި ޑިފެކްޝަން ޤާނޫނެއް އޮންނަންޖެހޭ. ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލެންޖެހޭ. މަޖިސްގެ ތަޅުމުގައި ދައްކާ ވާހަކައަކަށް އަދި ވޯޓުދޭ ގޮތަކަށް ގޮނޑި ގެއްލިގެން ނުވާނެ. އެންޓި ޑިފެކްޝަން ޤާނޫނު އިސްލާހު ކުރަންޖެހޭ،" ޖޭޔޫ ވިދާޅުވިއެވެ.
ޖޭޔޫގެ އިތުރަށް އޭދަފުށީ ދާއިރާގެ މެމްބަރު ރެޑުވޭވް ސަލީމާއި، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް ވިދާޅުވެފައިވަނީ އެ ޤާނޫނަކީ މުހިންމު ޤާނޫނެއް ކަމަށެވެ. އެހެން ކަމުން އެ ޤާނޫނު އުވައިލުމުގެ ބަދަލުގައި އިސްލާޙު ކުރަން ޖެހޭ ކަމަށް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
އެ ޤާނޫނު އުވައިލުމަށް ހުށަހެޅުމުން ބައެއް ޢާއްމުން ގެންދަނީ އެކަމަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުންނެވެ.