ރާއްޖޭގައި އެކަށައެޅިފައިވާ ހުރިހާ ނިޒާމްތަކެއް އެފުށްމިފުށަށް ޖެހެމުން މިދަނީ ކޮރަޕްޝަނާއި ފައިސާގެ ނުފޫޒުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.
މުއާޒު މިހެން ވިދާޅުވެފައިވަނީ އޭނާގެ އަމިއްލަ ޓްވިޓަރއެކައުންޓުން ކުރައްވާފައިވާ ޓްވީޓެއް ގައެވެ. ރައީސް އޮފީހުގެ ތަރުޖަމާން އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު މުއާޒު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ "ރާއްޖޭގައި އެކަށައެޅިފައިހުރި އެންމެހާ ނިޒާމްތައް އެފުށް މިފުށަށް ޖެހިގެން މިދަނީ މުޅިރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ކޮރަޕްޝަނާއި ފައިސާގެ ނުފޫޒުން،" ކަމަށެވެ.
މުއާޒު މިހެން ވިދާޅުވެ ޓްވީޓް ކުރެއްވީ ރައީސް ނަޝީދު މިނިވަން ކުރައްވަން ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ހުށަހެޅުއްވި ޤަރާރުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ބައެއް މެމްބަރުން ސޮއި ކުރައްވައިފައިވާ ވަގުތެއްގައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވައްދައިފައިވަނީ ވެސް ޕީޕީއެމްގެ 14 މެމްބަރެއްގެ ސޮޔާ ވެސް އެކުގައެވެ.
ފާއިތުވި ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ގެއްލުނީ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ރިޝްވަތު ހިފައި އިންތިޚާބު ގަޑުބަޑު ކުރުމުން ކަމަށް ވިދާޅުވެ އިންސާފުވެރި އިންތިޚާބެއް އަލުން ބޭއްވުމަށް ގޮވައިލައި ޕީޕީއެމް އޮފީސް ދޮރުމަތީގައި ކޮންމެ ރެއަކު ބާއްވަމުން ގެންދިޔަ އެއްވުމުގައި އެންމެ އިސްދައުރެއް އަދާ ކުރެއްވީ ވެސް މުއާޒެވެ.
އެ އިންތިޚާބު ބާތިލްކޮށް ދެއްވުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ވެސް ނިމުނީ ރައީސް ޔާމީނާ ދެކޮޅަށެވެ. އެ ހުކުމަށްފަހު ޕީޕީއެމުން ވަނީ އެޕާޓީން ބާއްވަމުން ގެންދިޔަ އެއްވުންތައް ވެސް ހުއްޓާލައިފައެވެ.