ޖަޕާނުގެ އޮކިނާވާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒު އެސަރަހައްދުގެ އެހެންތަނަށް ބަދަލުކުރުމާމެދު އޮކިނާވާގެ ރައްޔިތުންނަށް ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެސަރަހައްދުގެ ވެރިން ނިންމައިފިއެވެ.
އެ ސަރަހައްދުގެ ސިޔާސީވެރިންގެ މިނިންމުން އައިސްފައި މިވަނީ އެމެރިކާގެ މެރީންސްގެ ފުޓެންމާ އެެއާ ސްޓޭޝަން މިހާރު އޮތް ތޮއްޖެހިފައިވާ ސަރަހައްދުން އޮކިނާވާގެ އެހެން ދިމާއަކަށް ބަދަލުކުރުމަށް ދެކޮޅުހަދާ ގަވަރުނަރަކު އިންތިޚާބުކުރިތާ މަހެއްވެސް ނުވަނީހެވެ.
އަސްކަރީ މަރުކަޒު އޮކިނާވާގެ އެހެން ތަނަކަށް ބަދަލުކުރަން އެ ސަރަހަައްދުގެ ރައްޔިތުން ދެކޮޅު ހަދަނީ މިހާރު އޮތް ތަނުގައި އެ މަރުކަޒު ބާއްވަން އެމީހުން ރުހޭތީއެއް ނޫނެވެ. އެހެން ތަނަކަށް ބަދަލުކޮށް އަލުން މަރުކަޒު ބިނާކުރުމުގެ ފުރުސަތު ދިނުމުން އެމެރިކާ ސިފައިން ނުފައިބައި ތިބުމަށް އެކަމުން އިތުރު ބާރެއް ލިބޭތީއެވެ.
އޮކިނާވާގައި ދިރިއުޅެނީ ޖަޕާނު ރައްޔިތުންގެ %1 ކަމުގައި ވާއިރު، ޖަޕާނުގައި ތިބޭ އެމެރިކާގެ 47 ހާސް ސިފައިންގެ ދެބައިކުޅަ އެއްބައި ތިބެނީ އޮކިނާވާގެ އަސްކަރީ މަރުކަޒުގައެވެ. އެ ސަރަހައްދުގެ ރައްޔިތުން ބޭނުންވަނީ ޖަޕާނުގެ އެހެން ސަރަހައްދުތަކަށް އެމެރިކާ ސިފައިންގެ ބޮޑު ބައެއް ބަދަލުކުރުމަށެވެ. އެ ސަރަހައްދުގެ އެހެން ތަނެއްގައި އަސްކަރީ މަރުކަޒު ހެދުމަށް އެމީހުން ދެކޮޅު ހަދަނީ އެހެންވެެގެންނެވެ.
އޮކިނާވާގައި ނަގަން އުޅޭ ވޯޓަކީ އެއަށް އަމަލުކުރުން ގާނޫނީގޮތުން ލާޒިމުކުރާ ވޯޓަކަށް ނުވިޔަސް ވޯޓުގެ ނަތީޖާއާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް ފިއްތުންކުރިމަތިވާނެއެވެ،
އަސްކަރީ މަރުކަޒާ ދެކޮޅަށް ކެންޕޭންކުރާ މީހުން ބޭނުންވަނީ ޖަޕާނުގެ އޮކިނަވާ ނޫން އެހެން ސަރަހައްދަކަށް އެ މަރުކަޒު ބަދަލުކުރުމެވެ.
ފެންނަ ނުފެންނަ ވޯޓު ނަގާނެ ތާރީޚެއް ކަނޑައަޅުއްވާނީ އޮކިނާވާގެ އެހެން ތަނަކަށް އަސްކަރީ މަރުކަޒު ބަދަލުކުރުމާ ދެކޮޅު ގަވަރުނަރު ޑެނީ ޓަމާކީ އެވެ. އޮކިނާވާ ނޫސްތަކުން ބުނާގޮތުގައި އަންނަ ޚަރީފު މޫސުމުގެ ކުރިން އެ ވޯޓު ނެގުމަކީ އެކަށީގެންވާ ކަމެކެެވެ.
އޮކިނާވާއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ވަރުގަދަ ހަނގުރާމައެއް ހިނގި ރަށެކެވެ. ހަނގުރާމަ ނިމުނު ފަހުން 27 އަަހަރުވަންދެން އެރަށް އެމެރިކާ މީހުންގެ އަތްދަށުގައި އޮތެވެ.