ދިރާގު ބްރޯޑްބޭންޑް އިންޓަރނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، ދިރާގުގެ 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް އިތުރު 3 ރަށަކަށް ތައާރަފްކޮށްފިއެވެ. އެ ތިން ރަށަކީ ޅ. ހިންނަވަރު، ނ. ވެލިދޫ، އަދި ރ. ދުވާފަރެވެ.
ދިރާގުން މިހާރު މިވަނީ ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ފުޅައުކޮށްފައެވެ. މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން މިވަނީ 3ޖީގެ ހިދުމަތް ވެސް ފޯރުކޮށްދީފައެވެ.
އަލަށް ފެށުނު 3 ސަރަހައްދަށް 4ޖީ އެލްޓީއީ ގެ ޚިދުމަތް ލޯންޗްކުރެވުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ މިތިން ސަރަހައްދަށް 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުމަކީ ދިރާގު ފަޚުރުވެރިވާ ކަމެއް ކަމަށާއި މި 3 ރަށަކީ 3ޖީ ގެ ޚިދުމަތް ބޭނުންކުރައްވާ ކަސްޓަމަރުން މިހާރުވެސް ގިނަ އަދަދަކަށް އުޅޭ ރަށްތަކެއްކަން ފާހަގަ ކުރައްވާ ކަމަށެވެ. އަދި މީގެ އިތުރުން މީހުން ދިރިއުޅޭ އިތުރު ގިނަ ރަށްތަކަކަށް މިއަހަރުގެ ތެރޭގައި ދިރާގު 4ޖީގެ ޚިދުމަތް އިރާދަކުރެއްވިއްޔާ ފުޅާ ކުރައްވަން ރާއްވަވާފައިވާކަމުގައި ވިދާޅުވިއެވެ. ހަމަ އެހެންމެ ހަލުވި ސްޕީޑްގައި އިންޓަރނެޓް ލިބިގެން ދިޔުމުން ރަށުގެ ހުރިހާ މުއައްސަސާތަކާ، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެކަމަށާއި އަދި މިއީ ރަށުގެ ކުރިއެރުމަށްވެސް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޤަބޫލުކުރާ ކަމަށްވެސް އިމްޖާދު ވިދާޅުވިއެވެ.
މިތިން ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ބައިވެރިވީ އޭދަފުށީ އޮޕަރޭޝަން ސެންޓަރގެ މެނޭޖަރ އަބްދުﷲ ސޯދިޤެވެ.
ދިރާގު 4ޖީ ރަސްމީކޮށް ޅ. ހިންނަވަރު، ނ.ވެލިދޫ އަދި ރ.ދުވާފަރަށް ތައާރަފުކުރެވުމުން، އެކަމުގެ ހަނދާނީ ފިލައެއްވެސް ވަނީ އެ ރަށްތަކުގެ ކައުންސިލް އިދާރާތަކަށް އަރުވާފައެވެ.
ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިފަހަރު ލޯންޗް ކުރެވިގެން މިދިޔަ ރަށްތަކާއިއެކު އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ.ވިލިނގިލި، ގދ.ތިނަދޫ، ޅ.ނައިފަރު، ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިހާރު މިވަނީ މިޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރެވިފައެވެ.