ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާދީއްތަ ދުވަހު ފަށްޓަވާނެ ކަމަށް މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އާދީއްތަ ދުވަހު ފަށްޓަވާނެ ކަމަށް މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ މިހާރުވަނީ ދެމަހެއްހާ ދުވަސް ވެފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މޫސާ މަނިކު ވިދާޅުވީ ރާއްޖޭގެ އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސާލީހު ވެރިކަމުގެ ހުވައި ކުރެއްވުމާއި، އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ކަނޑައެޅުންފަދަ މުހިންމު މަސައްކަތްތައް މިހާރު އެބަހުރި ކަމަށެވެ. އެފަދަ މަސައްކަތްތައް ހުރުމުން ރައްޔިތުން މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށް ސިޔާސީ ޕާޓީތަކުން އެދެމުންދާ ކަމަށް ވެސް އޭނާ ވދާޅުވިއެވެ. މޫސަ ވިދާޅުވީ އާދީއްތަ ދުވަހު އަލުން މަޖިލީސް ފަށަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިޒުނައާ ވެސް އެކުގައި ކަމަށެވެ.
އާދީއްތަ ދުވަހު ޖަލްސާތައް އަލުން ފަށާއިރު މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ. އެމައްސަލަ ތާވަލް ކޮށްފައިވަނީ އަންނަ މަހު 8 ވަނަ ދުވަހަށެވެ. އޭގެ އިތުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައިވާ މައްސަލަ ވެސް މުހިންމު މަސައްކަތްތަކުގެ ތެރޭގައި ހިމެނެވެ. ގަލޮޅު އުތުރުދާއިރާގެ މަޖިލީސް މެމްބަރު އީވާ އަބްދުﷲ ހުށަހަޅާފައިވާ އެ މައްސަލަ ވެސް އެދުވަހު އެޖެންޑާ ކުރައްވާނެ ކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް އަބުރާ ބެހުމުގެ ގާނޫނު އުވައިލަން ހެންވޭރު އުތުރުދާއިރާގެ މެމްބަރުން އަބްދުﷲ ޝާހިދު ހުށަހަޅުއްވައިފައިވާ މައްސަލައާއި، އެންޓި ޑިފެކްޝަންގެ ގާނޫނު އުވައިލައްވަން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައިފައިވާ މައްސަލަ ވެސް އެޖެންޑާ ކުރައްވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. އޭގެ އިތުރަށް އިބްރާހީމް މުހައްމަދު ސާލިހު ހުވައި ކުރައްވާނެ ދުވަސް ކަނޑައެޅުމުގެ މައްސަލަ ވެސް އެޖެންޑާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ނޮވެމްބަރު 11 ގައި އިބްރާހީމް މުހައްމަދު ސާލިހު ހުވައި ކުރެއްވުމަށް ގާނޫނީ މައްސަލައެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަށް ބާއްވައި އެދިމާވި ކަންތަކަށްފަހު ރައީސް ޔާމީން ހުވައި ކުރައްވައިފައިވަނީ ނޮވެމްބަރު 17 ގައެވެ. އެހެންވެ ބައެއް ފަރާތްތަކުން ބުނަމުން ގެންދަނީ ރިޔާސީ ދައުރެއްގައި ހިމެނޭ ފަސް އަހަރު ރައީސް ޔާމީނަށް ފުރިހަމަ ކުރެވޭނީ އެ މުއްދަތަށް ކަމަށެވެ. މޫސަ ވިދާޅުވީ އިބްރާހީމް މުހައްމަދު ސާލިހު ހުވައި ކުރައްވާނެ ތާރީޚު ކަނޑައަޅާނީ ވޯޓެއް ނަންގަވައިގެން ކަމަށެވެ.