އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށަހަޅައިފި

އެންޓި ޑިފެކްޝަން ޤާނޫނު އުވައިލާން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

މި ޤާނޫނަކީ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބުވާއިރު ތިއްބަވާ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ ވަކި ވެއްޖެނަމަ ނުވަތަ އެޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ބަދަލު ވެއްޖެނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރައްވައިފައިވާ ޤާނޫނެކެވެ. މި ޤާނޫނަކީ ވެރިކަންކުރާ ޕީޕީއެމްގެ މެމްބަރުން އިސްވެ ތިއްބައިވައޮގެން ހެއްދެވި ޤާނޫނެކެވެ.

މި ޤާނޫނު އުވައިލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެސް އެޕާޓީގެ މެމްބަރެކެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މި މައްސަލަ ހުށަހެޅުއްވުމުން ބައެއް މެމްބަރުން ވަނީ އެކަމަށް ތާއީދުވެސް ކުރައްވައިފައެވެ.

މި ޤާނޫނު އުވައިލެއްވުމަށް މަޖިލީހަށް ހުށަހެޅުއްވީ އޭގެ ސަބަބުން ޤާނޫނީ ބައެއް ޒިންމާތައް އަދާ ކުރެއްވުމަށް މެމްބަރުންނަށް ހުރަސް އެޅޭތީ ކަމަށް ރިޔާޒު ރަޝީދު ވަނީ ވިދާޅުވެފައެވެ. އޭގެ ސަބަބުން މެމްބަރުންގެ ބައެއް މަސްއޫލިއްޔަތު އަދާ ކުރަން ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރިޔާޒު ރަޝީދު މި މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީނާއި ރިޔާޒާ ދެމެދު ޚިޔާލު ތަފާތުވެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިވާ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއްގައި ވެސް އެދެބޭފުޅުންގެ ދެމެދުގައި ޚިޔާލު ތަފާތުވެ ހިތްހަމަ ނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ރިޔާޒު ރަޝީދުވަނީ ރައީސް ނަޝީދު މިނިވަން ކުރައްވަން ވެސް ތާއީދު ކުރައްވައިފައެވެ. އަދި އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް ހުށަހެޅި ހުށަހެޅުމުގައި ވެސް ރިޔަޒު ރަޝީދު ވަނީ ސޮއި ކުރައްވައިފައެވެ.

މި ޤާނޫނަކީ ކުރިން ވެސް ޚިޔާލު ތަފާތުވެފައިވާ ޤާނޫނެކެވެ. އެ ޤާނޫނު ބާތިލް ކުރެއްވުމަށް އެދި އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހެޅިއެވެ. އެހެންނަމަވެސް ސްޕްރީމް ކޯޓުން ނިންމެވީ އެއީ ސައްޙަ ޤާނޫނެއް ކަމަށާއި ބާތިލް ކުރެވެންނެތް ކަމަށެވެ.

އިދިކޮޅު ކޮލިޝަންެ ވެރިކަމުގައި ރައްޔިތުންގެ ޙައްގުތައް ގެއްލޭ ގޮތަށް ހަދައިފައިވާ މިފަދަ ޤާނޫނުތައް އުވައިލައްވާނެ ކަމަށް އިންތިޚާބީ ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި އަބުރާބެހުމުގެ ޤާނޫނުވެސް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.