ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މަޖިލިސް މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ހުށަހެޅި ދައުވާ ސާބިތުނުވާ ކަމަށް ހައިކޯޓުން ހުކުމް ކުރައްވައިފިއެވެ.
ހައިކޯޓުން މި ޙުކުމް މިއަދު ނެރުނީ ޕީޕީއެމްގެ ދިދައާއި ލޯގޯ ޤަވާޢިދާ ޚިލާފަށް ފާރިސް މައުމޫން ބޭނުން ކުރެއްވި ކަމަށް ވިދާޅުވެ ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރެއްވުމުން އެކަން ފާރިސްގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އެ ކޯޓުން ކުރެއްވުމުން ފާރިސްގެ ފަރާތްޕުޅުން އެމައްސަލަ ހައިކޯޓުގައި އިސްތިނާފް ކުރެއްވުމުން އެކަމާ ގުޅިގެން މިއަދު ބޭއްވި އެންމެ ފަހުގެ އަޑުއެހުމުގައެވެ.
ހައިކޯޓުން މިއަދު ކުރެއްވި ޙުކުމުގައި ވިދާޅުވެފައިވަނީ ޝަޚުސު އޮޅުވާލި ކަމަށް ފާރިސް ގެ މައްޗަށް ކުރެއްވި ދައުވާ ސާބިތުނުވާ ކަމަށާއި އެހެން ކަމުން ކްރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް ކުރައްވައިފައިވާ ޙުކުމް ވެސް ބާތިލް ކަމަށެވެ. މި ޙުކުމާ އެކު ފާރިސް ވަނީ މިނިވަން ވެފައެވެ. މި މައްސަލައިން ފާރިސް ސަލާމަތްވިޔަސް ރިޝްވަތު ދިނުމާއި ޓެރަރިޒަމްގެ މައްސަލައެއް ވެސް ވަނީ އޭނާއާ ދެކޮޅަށް ކޯޓަށް ހުށަހަޅައިފައެވެ. އެހެންނަމަވެސް އެމައްސަލަ އަދި ބަލަން ނުފަށައެވެ.