ރައީސް ނަޝީދުގެ މައްސަލައެއް އަނބުރައި ފޮނުވާލައިފި

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ދައުވާއެއް ކްރިމިނަލް ކޯޓުން އަނބުރައި ޕީޖީއަށް ފޮނުވާލައިފިއެވެ. އެ މައްސަލަ އަނބުރައި ފޯނުވާލި ސަބަބެއް ކަށަވަރެއް ނޫނެވެ.

އެމަނިކުފާނަކީ މިހާރުވެސް ޓެރަރިޒަމްގެ ދައުވާއެއް ސާބިތުވެ 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރައްވައިފައިވާ ބޭފުޅެކެވެ. ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދު ކުރެއްވުމުންނެވެ.

އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދެވަނަ ދައުވާއެއް ކުރައްވައިފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުންނެވެ. ރައީސް ނަޝީދާ ދެކޮޅަށް އެފަދަ  މައްސަލައެއް ރައީސް ޔާމީން ހުށަހެޅުއްވީ ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު ރައީސް ޔާމީން ގާނޫނާ ޚިލާފަށް ބަންދު ކުރެއްވުމުންނެވެ.

ކްރިމިނަލް ކޯޓުން މިމައްސަލަ އަނބުރައި ފޮނުވައިފިކަން ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ ހިސާން ހުސައިން ވަނީ ޓްވިޓަރ މެދުވެރި ކުރައްވައި ހާމަ ކުރައްވައިފައެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް މި މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ރައީސް ނަޝީދު ބަންދު ކޮށްގެން ކޯޓަށް ހާޒިރު ކޮށްދެއްވުމަށް ފުލުހުންނަށް އަމުރު ކުރައްވައިފައެވެ. ކްރިމިނަލް ކޯޓުން މިއަދުވަނީ އެ އަމުރުވެސް ބާތިލް ކުރައްވައިފައެވެ. ހިސާން ވިދާޅުވެފައިވަނީ ރައީސް ވަރަށް އަވަހަށް ރައީސް ނަޝީދު މިނިވަންވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެމަނިކުފާނު މިނިވަންކޮށްދެއްވުމަށް މިއަދުވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅުއްވައިފައެވެ. ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށްދިޔައީ އިންސާފުން ނޫން ކަމަށް ފެށުނީއްސުރެން އެމަނިކުފާނުގެ ގާނޫނީ ޓީމުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އިންޓަރނޭޝަނަލް ކޮމިޔުނިޓީން ވަނީ ރައީސް ނަޝީދު މިނިވަން ކުރައްވަން ގޮވައިލައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.