ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވައިގެން އެމަނިކުފާނު މަގާމުން ދުރުކުރެއްވުމުން މަޖިލީހުގެ ރައީސަކަށް ޖުމްހޫރީޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހޮވިއްޖެނަމަ ޖޭޕީ އިން ވަރަށް އުފާ ކުރާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
އެޕާޓީގެ ކުރީގެ ނާއިބު ލީޑަރު، ގާސިމް އިބްރާހީމްގެ މިހާރުގެ އެޑުވައިޒަރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ގާސިމް އިންތިޚާބު ވެއްޖެކަމަށްވާނަމަ ވަރަށް އުފާކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވުމުން އެއްވެސް ޝައުގުވެރިކަމެއް ގާސިމް ފާޅުކުރައްވައިފައެއް ނުވެއެވެ. އަދި އެފަދަ ވާހަކައެއް ގާސިމް ވިދާޅުވެފައިވާ ކަމަށް ރިޔާޒު ވިދާޅެއް ނުވެއެވެ. އޭނާ ވިދާޅުވީ އެކަމަށް ގާސިމް ޝައުގުވެރިކަން ހުއްޓަސް ނެތަސް އެކަން އެނގިވޑައިގަންނަވާނީ ގާސިމަށް ކަމަށާއި އެހެންވެ އެކަމާ ބެހޭގޮތުން ސީދާ ގާސިމާ ސުވާލު ކުރެއްވުމަށް ރިޔާޒު ނޫސްވެރިންގެ ގާތު އެދިވަޑައިގެންނެވިއެވެ.
ރިޔާޒު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް މިއަދު ހަވީރު އޮންނާނެ ކަމަށެވެ. މަސީހަށްފަހު ދެން މަޖިލީހުގެ ރައީސަކަށް ވަޑައިގަންނަވާނެ ބޭފުޅަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުންވަނީ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން އިސްތިއުފާ ދެއްވުމަށް މަސީހަށް ދަންނަވައިފައެވެ. ރިޔާޒު ވިދާޅުވީ މަސީހަކީވެސް ގާތްބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އަމަލު ކުރައްވާގޮތް އިސްލާހު ނުކުރައްވާތީ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން ހުށަހެޅީ ކަމަށް ރިޔާޒު ވިދާޅުވިއެވެ.