އިލްހާމުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމު އަހުމަދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވުމުން އިލްހާމްގެ ފަރާތުން އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައި މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވައިފިއެވެ.

ދެފަރާތުގެ ވާހަކަތައް އަޑު އެއްސެވުމަށްފަހު ފަނޑިޔާރުންގެ ބެންޗުންވަނީ އަޑުއެހުންތައް ނިމުނީ ކަން އަންގަވައިފައެވެ. ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ. އެހެންނަމަވެސް ހުކުމް ކުރައްވާނެ ތާރީޚެއް ސްޕްރީމް ކޯޓުން ވިދާޅެއް ނުވެއެވެ.

އިލްހާމްގެ ފަރާތުން ކޯޓުގައި މިއަދު ވިދާޅުވީ އިލްހާމްވަނީ ސިޔާސީ ޕާޓީގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ޕީޕީއެމުން ވަކިވާން އެދި ހުށަހަޅުއްވައިފައި ކަމަށެވެ. އެ ހުށަހެޅުން ޕީޕިއެމަށް ހުށަހެޅުއްވީ 2017 ވަނަ އަހަރު ޖުލައި 9 ގައި ކަމަށް އިލްހާމްގެ ވަކީލް ވިދާޅުވެފައިވެއެވެ. އަދި 2017 ވަނައަހަރު ޖުލައި 10 ވަނަ ދުވަހު އެކަން އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހުޅުއްވި ކަމަށެވެ. އެމީހަކު އިންތިޚާބުވި ޕާޓީ ނޫން ޕާޓީއަކުން އެމީހަކު ވަކިކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލު ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމަވައި ސްޕްރީމް ކޯޓުން ހުކުމް ކުރެއްވީ 2017 ވަނަ އަހަރު ޖުލައި 13 ވަނަދުވަހުއެވެ.

މިއަދުގެ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލާ ވިދާޅުވެފައިވަނީ ޕީޕީއެމުން ވަކިވާންއެދި އިލްހާމް ހުށަހެޅުއްވުމުން ގާނޫނީ ހަމަތަކުގެ މަތިން އެކަން ކުރިއަށް ގެންދެވުމަށް އެންގެވި ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް އިލްހާމް ސޮއިކުރެއްވުމުން ސުލޫކީ މައްސަލައެއްގެ ގޮތުގައި ޕީޕީއެމުން އެކަން ބެލުމަށްފަހު އޭނާ ވަކޮކޮށްދޭން ޕީޕީއެމުން އިލެކްޝަނުގައި އެދުމުން އިލްހާމް ވަކޮކޮށްފައިވާނެ ކަމަށެވެ.

އިލްހާމްގެ ވަކީލް ވިދާޅުވީ ސްޕްރީމް ކޯޓުން ހުކުމްކުރައްވައިފައިވަނީ އެ ހުކުމް ހިނގާނީ އެހުކުމަށްފަހު ހިނގާ ކަންކަމުގެ މައްޗަށް ކަމަށެވެ. އިލްހާމް ޕާޓީން ވަކީވާން ހުށަހަޅީ އޭނގެ ކުރިން ކަމަށެވެ. އެހެންކަމުން ޕާޓީން ވަކިނުކޮށް އޮތްއޮތުން އޭނާ ފާޖަހަކުރައްވައި ވިދާޅުވީ އިލްހާމްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.