އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައުލޫމާތު އޮޑިޓަރ ޖެނެރަލް އޮފީހާ އެންމެ ފުރަތަމަ ޙިއްސާ ކުރެއްވި ބޭފުޅަކީ އޭރު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަޙްމަދު ނާޒިމް ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ދުވަސްވަރު ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރުތަކާއެކު އޮޑިޓަރ ޖެނެރަލްގެ މަގާމު ގެއްލި ވަޑައިގެންނެވި ނަމަވެސް އެކަމާމެދު އަބަދުވެސް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ނިޔާޒް ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ނާޒިމަކީ ރަޙްމަތެރި ބޭފުޅެއް ނޫން ކަމަށާއި ނާޒިމްއާ ބައްދަލުވެ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައުލޫމާތު ނިޔާޒްއާ ޙިއްސާ ކުރެއްވީ ރައްޔިތުންގެ މާލިއްޔަތު ކޮމިޓީ ތެރެއިން ބައްދަލުވެގެން ކަމަށެވެ.
ނިޔާޒް ވިދާޅުވީ ޑޮލަރު ގަތުމުގެ ބޭނުމުގައި އެމްޕީއެލްއިން އެމްއެމްޕީއާރުސީއަށް 77.1 މިލިއަން ރުފިޔާ ދޫކުރަން ނިންމާފައިވާ ވާހަކަ ނާޒިމް ޙިއްސާ ކުރެއްވުމުން ފުރަތަމަ ސުވާލު އުފެދުނު ކަމަށެވެ. ސަބަބަކީ ނާޒިމްއަކީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާތީ އެފަދަ ވާހަކައެއް ނިޔާޒްއާ ޙިއްސާ ކުރެއްވުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް އޮވެދާނެތީ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ކޮންމެ މަގްސޮދެއްގައި ނާޒިމް އެވާހަކަތައް ޙިއްސާ ކުރެއްވި ނަމަވެސް ފަރުވާލެއް ނެތް ކަމަށްބަލައި އޮޑިޓް އޮފީހުގެ ވެރިން އެކަމާމެދު މަޝްވަރާ ކުރެއްވުމަށް ފަހު ނިންމެވީ އެކަން ބެލުމަށް ކަމަށެވެ.
" އަޅުގަނޑުމެން މަޝްވަރާކޮށްފައި ނިންމީ ކޮންމެ ފަދަ މަގުސޮދެއްގައި ނާޒިމް އެފަދަ ކަމެއް ކުރެއްވިޔަސް ދައުލަތުގެ މާލިއްޔާއާ ބެހޭގޮތުން މިހާބޮޑު ތުހުމަތުތަކެއް ކުރެވޭ ދަނޑިވަޅެއްގައި އޮޑިޓް އޮފީހުން އަޅާނުލައި ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ކަމަށް" ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ އެކަމާމެދު އޮޑިޓް އޮފީހުން މަސައްކަތް ކުރިޔަށް ގެންގޮސް ތައްޔާރުކުރި އޮޑިޓް ރިޕޯޓުންވެސް ނާޒިމްގެ ވާހަކަފުޅު ތެދުކަން ސާބިތު ވެގެންދިޔަ ކަމަށެވެ. ނިޔާޒް ވިދާޅުވީ އޮޑިޓް ރިޕޯޓް ނެރުމުގެ ކުރިން އެރިޕޯޓުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ސީދާ ރައީސް އަބްދުﷲ ޔާމީންއާވެސް ޙިއްސާ ކުރައްވާފައިވާނެ ކަމަށެވެ.
ރާއްޖެއިން ބޭރުގައި މިހާރު ދިރިއުޅުއްވާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނާޒިމްވެސް ދާދިފަހވުން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަތަކާއި އެނޫންވެސް ބަޔެއް ކަންކަން ފާހަގަ ކުރައްވައި ސޯޝަލް މީޑިޔާ މެދުވެރިކޮށް ބަޔާނެއް ނެރުއްވާފައެވެ.