ސްޕްރޯމްކޯޓުން ރިޔާސީ އިންތިޚާބު ބާތިލް ނުކުރުމުން އެކަމަށް އުފާކުރާ މީހުން އުފާކުރަމުންދާއިރު އާންމު މަސްލަހަތު ގެއްލިދާނެ އެއްވެސް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަމަށް އެދިވަޑައިގެންނެވީ އެކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބެވެ. އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް ކަނޑައަޅައި ސްޕްރީމްކޯޓުން މިއަދު ހުކުމް ކުރެއްވުމުން އެކަމާ މީހުން އުފާކުރަމުންދަނިކޮށް ހަބީބު ވިދާޅުވީ އުފާކުރިޔަސް އާންމު މަސްލަހަތު ގެއްލޭފަދަ އެއްވެސް ކަމެއް އެއްވެސް ބަޔަކު ކޮށްގެން ނުވާނެ ކަމަށެވެ.
ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ވަނީ އޮޅުވާލައި ގަޑުބަޑުކޮށްފައި ކަމަށް ވިދާޅުވެ އިންތިޚާބު ބާތިލްކޮށްދެއްވުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރޯމްކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެހެންނަމަވެސް މައްސަލައިގެ ތިން އަޑުއެހުމަށްފަހު މިއަދުވަނީ އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް ކަނޑައަޅައި ހުކުމް ކުރައްވައިފައެވެ.
ޕީޕީއެމުން ބާއްވާ ރިލޭތަކުގައި ވަނީ އިލެކްޝަންސްކޮމިޝަންގެ މެމްބަރުންގެ ބޮލުގައި ވޯޓުން ވައްކަންކުރި ކަމުގެ ތުހުމަތާއި އަދިވެސް އެފަދަ އެތައް ތުހުމަތެއް އަޅުވައިފައެވެ. އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވަނީ އެފަދަ ތުހުމަތުކޮށް މެމްބަރުންގެ އަބުރުކތިލި މީހުންގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވިދާޅުވެފައެވެ.