ތައިވާނުގައި ރޭލެއް ދަނގަޑުން ނައްޓާލުމުގެ ސަބަބުން 17 މީހުން މަރުވެ، 126 މީހުން ޒަޚަމްވެއްޖެ

ތައިވާނުގައި މިއަދު ދަގަނޑުން ނައްޓާލައި ފުރޮޅާލި ރޭލު

މިއަދު ހަވީރުގެ ވަގުތެއްގައި އިރުމަތީ ތައިވާނުގައި ދަތުރުކުރަމުން ދިޔަ ރޭލެއް ދަގަނޑުން ނައްޓާލައި ފުރޮޅާލުމުގެ ސަބަބުން 17 މީހުން މަރުވެ 126 މީހުން ޒަޚަމްވެއްޖެއެވެ.

ޕުޔުމާ އެކްސްޕްރެސް 6432 ދަގަނޑުން ނައްޓާލީ ވެރިރަށް ތައިޕޭ ކައިރީގައި އޮންނަ ޔިލާއީ ކައުންޓީގެ ޑޮންގްޝަން ސްޓޭޝަނާއި ސުޒިން ސްޓޭޝަނާ ދެމެދު ތައިވާނު ގަޑިން މިއަދު ހަވީރު 5 ޖެހިއިރު (މާލޭ ގަޑިން މެންދުރުފަހު 2 ޖެހިއިރު) ގައެވެ.  

"އިރުއޮއްސި 6:30 ވީއިރު (މާލޭ ގަޑިން 3:30) 17 މީހުން މަރުވެ 126 މީހުން ޒަޚަމްވިކަން އެނގިފައި ވަނީ." ތައިވާން ރޭލްވޭސް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ވެއެވެ.

ތައިޕޭގެ ޝުލިންގ ސްޓޭޝަނުން އިރުމަތީ އައްސޭރިފަށުގައި އޮންނަ ޓައިޓުންގއަށް 310 މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ފުރޮޅާލި ރޭލުތެރޭގައި އަދިވެސް ސާޅީހަކަށް މީހުން ތާށިވެފައި ތިބިކަމަށް ވެއެވެ.

މިހާތަނަށް އައިއިރު، ރޭލު ދަގަނޑުން ނައްޓަން ޖެހުނު ސަބަބެއް އަދި ހޯދިފައި ނުވެއެވެ. އެހެންނަމަވެސް ޔުނައިޓެޑް ޑެއިލީ ޓައިމްސް ނޫހުން ބުނާ ގޮތުގައި ރޭލު ދަގަނޑުން ނައްޓާލީ "ގޮތް ނޭނގޭ އެއްޗެއް" ދަގަނޑު މަތީގައި އޮތުމުގެ ސަބަބުންނެވެ. އަނެއްކޮޅުން އެޕްލް ނިއުސްއިން ބުނާގޮތުގައި މެކޭނިކަލް މައްސަލައަކުން ރޭލު ދަގަނޑުން ނެއްޓުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ތައިވާނުގެ މަރުކަޒީ ސަރުކާރުން ބުނިގޮތުގައި ބޮޑުވަޒީރަށް ވަނީ ހާދިސާގެ މައުލޫމާތު އެރުވިފައެވެ. އަދި ސިފައިން ދަނީ މީހުންނަށް އެހީވުމުގެ މަސައްކަތުގައި އެހީތެރިވަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.