ރައީސް ޔާމީނަކީ ވައްކަމާއި ކޮރަޕްޝަނާއި، މަނީ ލޯންޑްރިންގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެއް ކަމަށާއި އެކަންކަން ބެލުމަށް އެމަނިކުފާނު ރާއްޖެއިން ފުރާވައިގަތަ ނުދެއްވައި ހިފެހެއްޓެވުމަށް އެމްޑީޕީގެ ޗެއާޕާސަން ސަލާމަތީ ޚިދުމަތްތަކަށް ގޮވައިލައްވައިފިއެވެ.
ހަސަން ލަތީފް މިކަމަށް ގޮވައިލެއްވީ ރިޔާސީ އިންތިޚާބު ބާތިލްކޮށްދެއްވުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމަށްފަހު ކޯޓުން ބޭރަށް ނުކުމެ ވަޑައިގެން ނޫސްވެރިނާ ވާހަކަ ދައްކަވަމުންނެވެ.
"ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވިފައި އެބަހުރި ވައްކަމާއި، ކޮރަޕްޝަނާއި މަނީ ލޯންޑްރީންގެ މައްސަލަތައް. ފުލުސް އޮފީހަށް ހުށަހަޅާފައި ވެސް އެބަހުރި މައްސަލަތައް. އެހެންވީމާ މިހާރުން މިހާރަށް އެ މައްސަލަތައް ތަހުގީގު ކުރަންޖެހޭ. އެކަން ކުރުމަށްޓަކައި ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިނުގަނެވޭގޮތަށް ރާއްޖޭގައި ބަންދުކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އަދިވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ރައީސް ޔާމީން ކަމަށެވެ. އެހެން ކަމުން މިވަގުތު އެމަނިކުފާނު ފުރާ ވަޑައިގެންފި ކަމަށްވާނަމަ އެމައްސަލަ ތަހުގީގު ކުރުމަށް ލަސްވެދާނެ ކަމަށެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި "ރައީސް ޔާމީން ފުރުވާލުމުގައި ބައިވެރިވި ހުރިހާ އެންމެން ޒިންމާވާންޖެހޭނެ" ހަސަން ލަތީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ރައީސް ޔާމީނަށް މި މައްސަލަ ކާމިޔާބު ނުވީ މައްސަލައާ ގުޅޭ ހެއްކާއި ގަރީނާ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅިފައި ނުވުމުން ކަމަށެވެ. އެހެންވީމާ އެއިން ދޭހަކޮށް ދެނީ މިމައްސަލާގައި އެއްވެސް މައްސަލައެއް ނެތްކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިމައްސަލާގައި ވަކާލަތު ކުރެއްވި ގާނޫނީ ވަކީލެއް ކަމަށްވާ ހިސާން ހުސައިން ވިދާޅުވީ މައްސަލަ ސާބިތު ކުރުމުގެ ބުރަ އުފުލަންޖެހޭނީ މައްސަލަ ހުށަހަޅާ ފަރާތަކުން ކަމަށެވެ. "ނަމަވެސް މި މައްސަލާގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގައި އެކަން ސާބިތުކޮށްދެވޭނެ ހެއްކެއް ގަރީނާއެއް ހުށަހެޅި ނުވޭ،" އޭނާ ވިދާޅުވިއެވެ. ރައީސް ޔާމީގެ ފަރާތްޕުޅުން ހުށަހެޅުއްވީ ޝަކުވާއަކީ އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވާދާނެ ކަމަށް ގަބޫލުކުރެވޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވިއެވެ.