ބޫޓާނުގައި ބޭއްްވުނު ތިންވަނަ އާއްމު އިންތިޚާބުގައި އިއްޔެ (ބުރާސްފަތި ދުވަހު) އެ ގައުމުގެ ރައްޔިތުން އަނެއްކާވެސް އާ ޕާޓީއެއް ވެރިކަމަށް އިންތިޚާބުކޮށްފިއެވެ. މިފަހަރު އިންތިޚާބުކޮށްފައި ވަނީ އޮޕަރޭޝަން ޑޮކްޓަރަކު ހިންގާ ޕާޓީއެއް ކަމުގައިވާ ދްރުކް ނިޔަމްރުޕް ޝިގްޕާ (ޑީއެންޕީ) އެވެ.
ރަސްގެފާނުގެ ބާރުތައް ހަނިކޮށް، އިންތިޚާބުކުރެވޭ ސަރުކާރަކުން ވެރިކަން ހިންގާ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް، 2008 ވަނަ އަހަރު އިންތިޚާބު ބާއްވަން ފެށިފަހުން ކޮންމެ ފަހަރަކުވެސް ބޫޓާނު މީހުން ވެރިކަަމަށް އިންތިޚާބުކޮށްފައި ވަނީ އާ ޕާޓީއެކެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން 2013 ވަނަ އަހަރު އުފެދުނު ޑީއެންޕީ ވަނީ ގާނޫނުހަދާ މަޖިލީހުގެ 47 ގޮނޑީގެ ތެރެއިން 30 ގޮނޑި ކާމިޔާބުކޮށްފައެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރާނީ މިއަދުގެ ވަގުތެއްގައެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %70 ވޯޓުލީ މި އިންތިޚާބުގައި ގާނޫނު ހަދާ މަޖިލީހަށް 11 އަންހެނުން ހޮވިފައި ވެއެވެ.
ބޫޓާނުގައި އާއްމު އިިންތިޚާބު ބާއްވަނީ ދެ ބުރަކަށެވެ. ރަޖިސްޓަރީ ވެފައިވާ ހުރިހާ ސިޔާސީ ޕާޓީއަކަށް ފުރަތަމަ ބުރުގައި ވާދަކުރެވެއެވެ. އެ ގައުމުގައި މިހާރު އޮތީ ރަޖިސްޓަރީ ކުރެވިފައިވާ ހަތަރު ސިޔާސީ ޕާޓީއެވެ. ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބޭ ދެ ޕާޓީއެެވެ. މި އުސޫލުގެ ދަށުން އިންތިޚާބު ބޭއްވުމުން ނިމިގެން ދިޔަ ދައުރުގައި ވެރިކަން ކުރި ޕީޕަލްްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) ވަނީ ފުރަތަމަ ބުރުން އިންތިޚާބަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
ޑީއެންޕީ ގެ ޒައީމު، ބަންގްލަދޭޝްއާއި އޮސްޓްރޭލިޔާއިން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި، ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަން ޑޮކްޓަރު ލޮޓޭ ޝެރިންގް ވިދާޅުވީ އޭނާ މަސައްކަތްކުރައްވާނީ ގައުމު ބިނާކުރުމަށާއި، ރަށްފުށުގެ ތަރައްގީއަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށާއި، ޖަރީމާތައް ހިންގާ ގޭންގުތައް ނައްތާލުމަށް ކަމަށެވެެ.
އުމުރުފުޅުން 50 އަހަރުގެ ޝެރިންެގް ބޭނުންފުޅުވަނީ ބޫޓާނުގެ ބޭރުގެ ދަރަނި ކުޑަކުރައްވާށެެވެ. ބޫޓާނު އެންމެ ބޮޑަށް ދަރާ އޮތީ އަވަށްޓެރި އިންޑިޔާއަށެވެ.
ބޫޓާނުގެ ބޭރުގެ ދަރަނީގެ %80 ކަމުގައިވާ 1.5 ބިލިއަން އެމެރިކާގެ ޑޮލަރު ޚަރަދު ކުރެވެނީ ފެނުން ކަރަންޓުއުފައްދާ ހައިޑްރޯ އިލެކްޓްރިކް ޕްލާންޓް ބިނާކުރުމަށެވެ. ބޫޓާނުގައި ބިނާކުރެވޭ މިފަދަ ފަސް އިންޖީނުގޭގެ ތެރެއިން ހަތަރު އިންޖީނުގެ ބިނާކުރަން ފައިސާ ދީފައިވަނީ އިންޑިޔާއިންނެވެ.
ދުނިޔޭގެ ބަވަނަކުރުމުގެ އޮއިވަަރާއި ތަންކޮޅެއް ދުރުގައި އޮވެ، ތިމާވެށި ހިމާޔަތްކޮށް، ކާބަން-ނެގެޓިިވް އިގްތިސާދެއް ބިނާކޮށް، ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓަށް ވުރެ 'ގްރޮސް ނޭޝަނަލް ހެޕިނެސް' އަށް އިސްކަންދޭ ބޫޓާނުން ވަނީ އެގައުމަށް އަންނަ ފަތުރުވެރިންވެސް ވަކި މިންވަރެއްގައި ހިފަހައްޓަން ނިންމާފައެވެ. މިގޮތުން ފަތުރުވެރިންގެ އަދަދު މަދުކުރުމަށްޓަކައި ހައި ސީޒަނުގައި ދުވާލަކަށް ކޮންމެ ފަތުރުވެރިއެއްގެ އަތުން 250 އެމެރިކާ ޑޮަލަރުގެ ފީއެއް ނަގައެވެ.