މާލޭ ދާއިރާގެ މަޖިލިސް މެމްބަރުންނާ އީސީން ބައްދަލު ކުރައްވައިފި

މާލޭގެ މަޖިލިސް ދާއިރާތައް ކަނޑައެޅުމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މާލޭގެ އިންތިޚާބީ ދާއިރާތަކުގެ މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާލެއަށް ދެ ގޮނޑި އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އަކުރަމް ވިދާޅުވީ މާލޭގެ އިންތިޚާބީ ދާއިރާތަކުގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށްފަހު އެބޭފުޅުންގެ ޚިޔާލު އެކަމުގައިހުރި ގޮތް ވީހާ އަވަހަށް އީސީއާ ހިއްސާ ކޮށްދެއްވުމަށް މިއަދު އެދިފައިވާނެ ކަމަށެވެ.

މި ބައްދަލުވުންތަކަކީ ސިލްސިލާ ބައްދަލުވުންތަކެއް ކަމަށާއި، މީގެ ކުރިންވާނީ މިކަމާ ގުޅިގެން ސިޔާސީ ޕާޓީތަކާ ވެސް މަޝްވަރާ ކުރައްވައިފައި ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ބެހޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ޚިޔާލު މިމަހުގެ 21 ގެ ކުރިން އީސީއަށް ހުށަހަޅައި ދިނުމަށް އެދިފައިވާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

"މާލޭގެ އާބާދީ އިތުރުވެފައިވާތީ އަންނައަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި މާލޭ ދާއިރާއަށް ދެ ގޮނޑި އިތުރުވުމުގެ ފުރުސަތު އެބައޮތް. އެހެންވެ މާލޭ ދާއިރާގެ ޕާލަމެންޓް މެމްބަރުންނާ މިއަދު ބައްދަލު މިކުރީ. އެ ބޭފުޅުންގެ ޚިޔާލު ހުރިގޮތް ވެސް ވީހާ ވެސް އަވަހަކަށް ހުށަހެޅުމަށް އަޅުގަނޑުމެންވާނީ އެދިފައި،" އަކުރަމް ވިދާޅުވިއެވެ.

"އީސީ އިން މިހާރުވާނީ ސިޔާސީ ޕާޓީތަކާ ވެސް މަޝްވަރާ ކޮށްފައި. އެބޭފުޅުންގެ ޚިޔާލު މިމަހުގެ އެކާވީހުގެ ކުރިން ހުށަހެޅުމަށް އަޅުގަނޑުމެން ވާނީ އެދިފައި،" އަކުރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ މި މަޝްވަރާއާއި ޚިޔާލުތަކަށް ރިއާޔަތް ކުރެއްވުމަށްފަހު މި ހިނގާ އޮކޮޓޯބަރުމަސް ނިމުމުން އީސީން ނިންމެވިގޮތް ހާމަކުރައްވާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.