އިސްލާމީ ޝަރީޢަތާބެހޭ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ހުށަހަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު އާއެކު ބޭއްވެވި މަޝްވަރާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވީ
"التشريع الإسلامى فى شئون الدولة والقضاء" – އިސްލާމިކް ލެޖިސްލޭޝަން އިން ދަ އެފެއާޒް އޮފް ސްޓޭޓް އެންޑް ޖުޑީޝަލް ޕަވަރ" ގެ ނަމުގައި އިސްލާމީ ޤައުމުތައް ހިމެނޭ ކޮންފަރެންސެއް ރާއްޖޭގައި ބޭއްވުމަށެވެ.
މި ކޮންފަރެންސްގެ މަޤްޞަދަކީ މިހާރު ދިމާވަމުންދާ ޒަމާނީ މައްސަލަތައް މުސްލިމް ޤައުމުތަކުގައި، އިސްލާމިކް ލެޖިސްލޭޝަން ޒަމާނަށް ފެތޭގޮތަށް ކޮޑިފައިކޮށް، ބޭނުންކުރަމުންދާ ގޮތް ބަލައިލުމާއި މެދުމިނުގެ ފިކުރާއެކު އިސްލާމީ ޝަރީޢަތް ޤައުމުތަކުގައި ތަންފީޒުކުރަމުންދާ ގޮތާމެދު ދިރާސާކުރުމެވެ.
މިގޮތުން ސަޢުދީ ޢަރަބިއްޔާއާއި ކުވެއިތާއި މިޞްރާއި، ޤަތަރާއި، އެކުވެރި ޢަރަބި އިމާރާތާއި، ތުރުކީ އަދި އެހެނިހެން މުސްލިމް ޤައުމުތަކުން އިސްލާމީ ޝަރީޢާ ކޮޑިފައި ކުރަމުންދާގޮތަށް ބަލާލުމަކީ މިކޮންފަރެންސްގެ އަމާޒެއްކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ކޮންފަރެންސް ބާއްވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެންނެވެ.