ސިއްރު ހެކި ބަލައިނުގަންނަން ސްޕްރީމް ކޯޓުން ނިންމަވައިފި

1:19 މިއަދުގެ އަޑު އެހުން ނިންމާލައިފި. ނިންމަވާ ލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މައްސަލަ ދިރާސާ ކުރަމުންދާއިރު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ކަމަށްވާނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށް.

1:17 ރިޔާސީ އިންތިޚާބުގެ ވޯޓުކަރުދާސް ރައްކާކޮށްފައިހުރި ސެކިޔުރިޓީ ރޫމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ނުދޭ، ގޮތްނޭނގޭ ބަޔަކު އެތައް ފަހަރެއްގެ މަތިން ވަދެފައިހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ޝަރީއަތަށް ހުށަހަޅައިފައިވާ ލިޔުން ތަކުން ހާމަވެއްޖެ ކަމަށް މައުލޫމާތު ލިބިއްޖެ.

1:16 މިއަދުގެ އަޑުއެހުމުގައި ސިއްރު ހެކިބަސް ނުނަގަން ނިންމެވީ އެ ހެކިބަސް ނަގަން ފަސް ފަނޑިޔާރުންނަށް ނުފެންނާތީ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި.

12:32 ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިފައިވާ މައްސަލައިގައި ހުށަހަޅުއްވައިފައިވާ ސިއްރު ހެކި ބަލައިނުގަންނަން ސްޕްރީމް ކޯޓުން ނިންމަވައިފި.

ހުސްވި ސެޕްޓެމްބަރ 23 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ގަޑުބަޑުކޮށްފައިވާ ކަމަށް ވިދާޅުވެ އިންތިޚާބު ބާތިލް ކުރުމަށް ރައީސް ޔަމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގެ ފަހު އަޑުއެހުން ކުރިއަށް އެބަދެއެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ސިއްރު ހެކި ނެގުމާބެހޭގޮތުން ވެސް ގޮތް ނިންމެވުމަށް ވަނީ ހަމަޖެހިފައެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓުން ބަލަމުންދާ މައްސަލައާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ އިންތިޚާބު ބާތިލްކުރަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށެވެ.

އިލެކްޝަންނުން ވެސް ވިދާޅުވެފައިވަނީ އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ވަކީލް އައްބާސް ޝަރީފް ވިދާޅުވެފައިވަނީ ރައީސް ޔާމީން އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެއްވީ އިހުތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ އެމަނިކުފާނުގެ އިންތިޚާބީ ހައްގުތައް ދޫކޮށްލުން ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ދޫކޮށްލުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

އިދިކޮޅު ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ވިދާޅުވެފައިވަނީ މި މައްސަލާގައި ސާބިތު ހިފޭ އެއްވެސް ހެއްކެއް ހުށަހެޅިފައި ނުވާކަމަށެވެ. އަދި މައްސަލަ ހުށަހަޅައިފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް ބާތިލް ކޮށްދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.