އިންޑިޔާ ސަރުކާރުން ދަނީ އެކި ސްޓޭޓްތަކުގައި ތިބި ރޮހިންޖާ ރެފިއުޖީންގެ މައުލޫމާތާއި ބަޔޯމެޓްރިކް ޑާޓާ އެއްކޮށް މައި ސަރުކާރަށް ފޮނުވުމަށް ހުރިހާ ސްޓޭޓްތަކަށް އަންގަމުންނެވެ.
"ސްޓޭޓްތަކަށް އެންގުންތައް ވަނީ ފޮނުވިފަ. އެމީހުން ޖެހެނީ ރޮހިންޖާ ރެފިއުޖީން ދަނެގަނެ އެމީހުންގެ ބަޔޯމެޓްރިކްސްއާއެކު އަހަރުމެންނަށް ރިޕޯޓް ފޮނުވަން. (މަރުކަޒީ ސަރުކާރުން) ޑިޕްލޮމެޓިކް މަގުން މަސައްކަތްކޮށް މިޔަންމާއާ ގުޅިގެން މައްސަލަ ހައްލުކުރާނެ." އިންޑިޔާގެ ދާޚިލީ ވަޒީރު ރާޖްނާތު ސިންގް ދާދިފަހުން ވިދާޅުވެފައި ވެއެވެ.
2012 ވަނަ އަހަރު އެއްވެސް ލިޔެކިޔުމެއް ނެތި އިންޑިޔާއަށް ވަން ކަމަށް ބުނެ ހައްޔަރުކޮށްފައިވާ ރޮހިންޖާ 7 ފިރިހެނަކު މިއޮކްޓޯބަރު މަހު 4 ގައި މިޔަންމާއަށް ޑިޕޯޓްކޮށްފައި ވެއެވެ. އެކަން ކޮށްފައި ވަނީ އެމީހުން ޑިޕޯޓްކުރުން ހުއްޓުވަން އެމީހުންގެ ވަކީލު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަންނަން ސުޕްރީމް ކޯޓުން ދެކޮޅު ހެދިތާ މާ ގިނަ އިރުތަކެއް ނުވެއެވެ.
މަރުކަޒީ ސަރުކާރުގެ އެންގުމާ އެއްގޮތަށް މައުލޫމާތު އެއްކުރަން ފުލުހުން މަސައްކަތްކުރިއަސް ރޮހިންޖާ ރެފިއުޖީން ދަނީ އެމީހުންގެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދަމުންނެެވެ.
ނިއުދިއްލީގެ ކާލިންދީ ކުންޖް ސަރަހައްދުގައި ދިރިއުޅޭ ޖައުފަރު އާލަމް ކިޔާ ރޮހިންޖާ ރެފިއުޖީއެެއް ކައިރިއަށް ފުލުހަކު ހަ ސަފުހާގެ ފޯމެއް ދިއުމުން އޭނާ ވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. ފުލުސްމީހާ އެނބުރި ދަމުން އޭނާއާއި ދިމާއަށް ބުނީ "މިއަދު ކަލޭ އަހަރުމެންނަށް އެއްބާރުލުން ނުދީފިއްޔާ އަހަރުމެން މާދަމާ ކަލެއަށް އެހީ ނުވާނަން" ކަމުގައެވެ. ފުލުސްމީހާ ދިއުމުން 2012 އިން ފެށިގެން އިންޑިޔާގައި ދިރިއުޅެމުން އަންނަ 27 އަހަރުގެ ޖައުފަރު އާލަމް ބުނީ "އޭނާ އެ ފޯމުތައް ހިފައިގެން ފުރުވަން ކޮންމެ ދުވަހަކު އަންނަތާ ހަފުތާއެއް ވެއްޖެ."
"އަހަރުމެެން އެތައް ފަހަރަކު އޭނާ ކައިރީގައި ބުނެފިން އަހަރުމެން އެ ފޯމުތައް ނުފުރާނަމޭ އަދި ބަޔޯމެޓްރިކްސް ވެސް ނުދޭނަމޭ. އިންޑިޔާ ސަރުކާރު އެ މައުލޫމާތު ފޮނުވާނީ މިޔަންމާ އެންބަސީއަށް. ދެން އަހަރުމެން ގަދަކަމުން ޑިޕޯޓްކޮށްލާނީ." ޖައުފަރު އާލަމް ބުންޏެވެ.
އިންޑިޔާގެ ޖަލުތަކުގައި ބޭތިއްބުމަށްފަހު 4 އޮކްޓޯބަރުގައި ޑިޕޯޓްކޮށްލެވުނު 7 މީހުންވެސް އެމީހުންެގެ ގެއަށް ފޮނުވާފައި ނުވާ ކަމަށާ ގެންދެވުނީ ޖަލަށްކަމަށް ރޮހިންޖާ ރެފިއުޖީން ދަނީ ބުނަމުންނެވެ. ދެން ޑިޕޯޓްކޮށްލާ ބަޔަކުވެސް ދާން ޖެހޭނީ ޖަލަށް ކަމަށް އެމީހުން ބުނެއެެވެ.
"އިންޑިޔާ މީހުން ބޭނުން އިރަކު އަހަރުމެން ޑިޕޯޓްކޮށްލެވިދާނެ. އެކަމާ އަހަރުމެން ކުރާނެ ކަމެއް ނެތް. މިއީ އަހަރުމެންގެ އަމިއްލަ ގައުމަށް ނުވާތީ. އެންމެ ކުޑަމިނުން މިޔަންމާގެ ހާލަތު އިންޑިޔާއަށް އެނގެން އެބަޖެހޭ. މިހާރުގެ ހާލަތުގައި އަހަރުމެން އަނބުރާ ފޮނުވާލުމަށް ވުރެ އިންޑިޔާގައި އަހަރުމެން މަރާލިޔަސް މާ ރަނގަޅު. ކޮންެމެ ގޮތެއްވިޔަސް އަހަރުމެން ފޮނުވާލައިފިނަމަ އަހަރުމެން މަރާލާނެ." ނިއުދިއްލީގައި އުޅޭ ރޮހިންޖާ މުސްލިމް ރެފިއުޖީއަކު ބުންޏެވެ.