އަނގޮޓިތަކެއް ގެންނަން އެއްވެސް މީހަކަށް އަމުރެއް ނުކުރަން: ޝަރީފް

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވެސް އޭގެ ކުރިންވެސް އަދި އެފަހުން ވެސް ރާއްޖޭއިން ބޭރަށްގޮސް އަނގޮޓިތަކެއް ހިފައިގެން އައުމަށް އެއްވެސް މީހަކަށް އަމުރު ކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އިންތިޚާބުގެ އެއްވެސް މަރުހަލާއެއްގައި ގާނޫނާއި އިސްލާމްދީނާ ޚިލާފު ކަމެއް އީސީން ވެސް އަދި އީސީގެ ރައީސް ވެސް ކުރައްވައިފައި ނުވާނެ ކަމަށެވެ. އީސީގެ ރައީސާއި އެކޮމިޝަނަށް ކުރަމުންދަނީ އެއްވެސް އަސާސެއްނެތް ދޮގުތުހުމަތުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީސީން އިއްޔެވެސް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅުއްވައިފައިވަނީ އެއްވެސް އަސްލެއްނެތް ދައުވާއެއް ކަމަށެވެ. އިންތިޚާބު ބާތިލް ކޮށްދެއްވުމަށް އެދިވަޑައިގެން ހުށަހެޅުއްވި އެ މައްސަލައިގައި އެއްވެސް އަސާސެއްނެތް ކަމަށް ވެސް އީސީން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބު ބާތިލް ކުރުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވެފައިވަނީ ޝަރީފުގެ އަމުރަށް ބޭރަށްގޮސް އަނގޮޓިތަކެއް ހިފައިގެން އައި މީހެއްގެ ހެކިބަސް ސިއްރުން ނަގަން ބޭނުންވާ ކަމަށެވެ. އެ ވިދާޅުވާ އަނގޮޓި ޝަރީފް ގެންނެވި ކަމަށް މިއަދުގެ އަޑު އެހުމަށް ތިންހެކިން ވަނީ ހުށަހަޅައިފައެވެ.

ޕީޕީއެމް އޮފީސް ދިރުމަތީގައި ރޭ ބޭއްވި އެއްވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނާއިބު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިފައިވާ މައްސަލަ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އީސީގެ ރައިސް ޝަރީފް ޖެހިވަޑައިގަންނަވާނީ ކުޑަކަކޫ މައްޗަށް ތިރިވާން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.