އިސްކިރީނާ ދޯޅުވުން ކުޑަކުރުމުގެ މަސައްކަތް ކުންފުނިތަކުން ފަށައިފި

ދުރުގައި އޮންނަ ފޯނުގެ އިސްކިރީނު ދިއްލޭތަން ލޮލުގެ ހިމަަކޮޅުންވެސް ވަރަށް ރީތިކޮށް ފެނެއެވެ. ފެނުމާއެކު ފޯނު ނަގައިގެން ކުޅެން ފަށައެވެ. ކުޑަކުޑަ ކަމަކުން ފެށުނު ނަމަވެސް އެތައް ގަޑި އިރެއް ވާންދެން އިސްކިރީނަށް ބަލަހައްޓައިގެން ހުރެވޭ ގޮތް ވެދެއެވެ.

މިއީ ގަސްތުގައި ކުރުވާ ކަމެކެވެ.

އެޕްތައް ތައްޔާރުކުރާ މީސްމީހުންނާއި ގޫގްލް އާއި ފޭސްބުކް ފަދަ ކުންފުނި ތަކުން މި މަސައްކަތް ކުރާތާ އެތައް އަހަރެކެވެ. ބޭނުމަކަށް ވަނީ ފޯނު ނުވަތަ ޓެބްލެޓް ބޭނުން ކުރާ މީހުން އެޔަށް ދޯޅުވާނޭ ގޮތެއް ހޯދުމެވެ. ވީހައި ގިނަ ވަގުތަކު އެ ތަކެއްޗާ ކުޅެން ތިބޭ ގޮތް ހެދުމެވެ. އެހެނީ ފޯނާ ގިނަ ވަގުތު ކުޅުނު ވަރަކަށް އެ ކުންފުނިތަކަށް ލިބޭ ފައިދާ ބޮޑެވެ.

އެކަމަކު މިހާރު މި ވަނީ މި އާދަ ބަދަލުވާން ފަށައިފައެވެ. މިހާރު ގޫގްލްއާއި އެޕަލް އިން މަސައްކަތް ކުރަމުން ދަނީ ފޯނު ބޭނުންކުރާ ވަގުތު އުފެއްދުންތެރި ވަގުތުތަކަކަށް ހެދޭތޯ މަސައްކަތް ކުރަމުންނެވެ. އިންސްޓެގްރާމުން ވެސް މިހާރު ކުރާ މައިގަނޑު އެއް މަސައްކަތަކީ މިއީއެވެ.

މި ބަދަލެއް އައީ ކިހިނެއް، ކީއްވެގެން ބާވައެވެ؟

ޓްރިސްޓަން ހެރިސް ފުރަތަމަ މަސައްކަތް ކުރީ ގޫގްލްގައެވެ. އޭނާގެ މަސައްކަތަކަށް އޮންނަނީ ފަރުމާ ސުލޫކު ގެ ބައި ބެލެހެއްޓުމެވެ. އެއީ ކުންފުނީގައި ކުރެވޭ ފަރުމާކުރުމުގެ މަސައްކަތްތަކުން މުޖުތަމައަށް ކުރާ އަސަރާއި، ކުންފުނިން ކުރުވަން ބޭނުންވާ އަސަރު ދެނެގަނެ އެ އަސަރުތައް ކުރުވަން ބޭނުންވާނަމަ، ކުރުވާނޭ ގޮތް ހެދުމެވެ. ވުމާއެކު ބޭނުންކުރާ މީހުންގެ ސަމާލުކަން ދަމައިގަތުމަށްޓަކައި އެޕް ފަރުމާކޮށް ތައްޔާރުކުރާ މީހުން ކުރާ މަސައްކަތްތައް އޭނާއަށް ވަނީ ވަރަށް ގާތުން ފެނިފައެވެ. ބައެއް ކަހަލަ އެޕްތަކަށް މީހުން ދޯޅުވަނީ ކިހިނެއްތޯ ބަަލައި، އެޕްތަކަށް މީހުން ދޯޅުވާނޭ ގޮތް ހެދުމަކީވެސް އޭނާގެ މަސައްކަތުގެ ބައެކެވެ. ބައެއް ސައިޓުތަކަށް ވަދެ ސަފުހާއަކަށް ފަހު ސަފުހާއެއް ބަލަމުން ދާ ގޮތް ހެދުމާއި، ބައެއް ކަހަލަ އެޕްތަކާ ޖެހުނީމާ އެތައް ގަޑިއިރެއް ފޯނާ ކުޅުމުގައި ހޭދަ ކުރަން ޖެހޭ ގޮތް ހެދުމަކީ އެޕްތައް ތައްޔާރު ކުރާ މީހުންގެ އެއް މަސައްކަތެވެ. ހެރިސްގެ މަސައްކަތަކީވެސް އެއީއެވެ.

2016 ވަނަަ އަހަރު ގޫގްލް އިން ވަކިވުމަށްފަހު ހެރިސް އުފެއްދީ ކުންފުންޏަކީ "ޓައިމް ވެލް ސްޕެންޓް" ނަމަކަށް ކިޔާ ކުންފުންޏެކެވެ. ހެރިސް ބުނާ ގޮތުގައި މި ކުންފުނީގެ މަސައްކަތަކީ އިހަށް އޭނާ ކުރަމުން އައި މަސައްކަތުގެ ދިމާ އިދިކޮޅެވެ. އެއީ މީސްމީހުން ފޯނު ފަދަ ތަކެތި ބޭނުން ކުރާ އިރު ވީހައިވެސް ފައިދާހުރި ގޮތަކަށް ބޭނުން ކުރާނޭ ގޮތް ހެދުމެވެ. އިސްކީރީނާ ދޯޅުވެ، އަވަލާ ގޮތް ހެދުމެއް ނޫނެވެ. އޭނާގެ މި މަސައްކަތުގެ ސަބަބުން ސިލިކަން ވެލީއަށް އާދަޔާ ޚިލާފު ހަލަބޮލިކަމެއް އަތުވެއްޖެއެވެ.

ކުންފުނިތަކުން މި މައްސަލައާ މެދު ކަންތައް ކުރީ ކިހިނެއް؟

އެޕަލް ކުންފުނީގެ މައި ދެ އިންވެސްޓަރަކު ވަނީ ޑިރެކްޓަރުންގެ ބޯޑަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި އެދިފައި ވަނީ ކުޑަކުދިން އިސްކިރީނާ އަވަލާގޮތް ވުން ކުޑަ ކުރާނޭ ގޮތެއް ހޯދާށެވެ.

މި ސިޓީގެ ސަބަބުން އެޕަލް ކުންފުނިން ވަނީ ކުންފުނީގެ އޮޕަރޭޓިންގ ސިސްޓަމް ކަމުގައިވާ އައިއޯއެސް 12 އަށް ބަދަލުތަކެއް ގެނެސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގިނަ ވަގުތު ނުވަތަ ނޭދެވޭ ގޮތަކަށް އިސްކިރީނުގެ ބޭނުން (ފޯނުގެ ބޭނުން) ކުރާ ނަމަ އެކަން އަންގައިދޭނޭ ގޮތެއް އެކުލަވައިލުމެވެ. މީގެ އިތުރަށް މައިންބަފައިންނާއި ބެލެނިވެރިންނަށް އިސްކިރީނު ވަގުތު ކޮންޓްރޯލު ކުރެވޭނޭ ގޮތާއި، ދަރިން ވަގުތު ހޭދަކުރާ މިންވަރު ބެލޭނޭ ގޮތްވެސް ހަދައި ދީފައެވެ.

އިސްކިރީނު ވަގުތު ނުވަތަަ ސްކްރީން ޓައިމް އަކީ ޑޭޝްބޯޑެކެވެ. ކޮންމެ އެޕެއްގައި ހޭދަކުރާ ވަގުތު ވަކިވަކިން ފެންނަގޮތް މި ޑޭޝްބޯޑުގައި ވަނީ ހަދައިފައެވެ. މީގެ އިތުރަށް ކޮންމެ އެޕަކުން ލިބިފައިވާ ނޯޓިފިކޭޝަންގެ އަދަދާއި، ފޯނު ނަގައިގެން ބޭނުން ކުރާ ނިސްބަތާއި، މިފަދަ އެތައް މައުލޫމާތެއް ވަނީ ހިމަނައިފައެވެ. އެހެންވީމާ ދުވާލަކު ބޭނުން ކުރެވޭނޭ މިންވަރު ކަނޑައަޅައި، އެއަށްވުރެ ގިނަ ވަގުތު ބޭނުން ނުކުރެވޭނޭ ގޮތް ހެދުމާއި، ބައެއް އެޕް ތަޅުލެވޭގޮތް ހެދެއެވެ. އެކަމަކު މި "ތަޅަކީ" ފަސޭހައިން ހުޅުވައިލެވޭ ތަޅެކެވެ. އެހެންވާ ސަބަބަކީ މިއީ ހަގީގީ ހުރަހަކަށް ނުވުމެވެ. މިއީ ހަމައެކަނި އިންޒާރެކެވެ. މިވެނި ވަރެއް ވެއްޖެއޭ ދެން ހުއްޓައިލާށޭ އަންގާ އެއްޗެކެވެ. ވަކި ކަމެއް ހުއްޓުވާ އެއްޗެއް ނޫނެވެ. ވަގުތު ހަމަވިޔަސް ބޭނުން ކުރަމުން ގެންދިއުމުގައި މާބޮޑު ހުރަހެއް ނޯވެއެވެ.

ކޮމަން ސެންސް މީޑިއާގެ އެޑިޓަރެއް ކަމުގައިވާ ކްރިސްޓީނާ އެލްގަރސްމާ ބުނުއްވިއެވެ. "ތާއަބަދު ފޯނާ ކުޅެން ތިބޭ ގތް ހެދުމުގެ މަސައްކަތް ކުރާ އިންޖިނޭރުންނާއި ސައިކްލޮޖިސްޓުންނާ ބެލެނިވެރިން ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ. ދުވާލަކު ސަތޭކަ ފަހަރު ޓްއިޓަރ ބޭނުންކޮށްފީމުއޭ ބުނެ ފޯނުން އެ އިންޒާރު ކުރި ކަމުގައި ވިޔަސް އެޕް ހަދާފައި ވަނީ ސަތޭކަ ފަހަރަށްވުރެ ގިނަ ފަހަރުވެސް ބޭނުން ކުރާ ހިތްވާ ގޮތަށެވެ."

ގޫގްލް އިން ވަނީ މިހާރު ނެރެން ތައްޔާރު ވެފައިވާ އެންޑްރޮއިޚް ޕައި ގައި މިފަދަ ބައެއް އެޕްތަކާއި ވަސީލަތްތައް ހިމަނައިފައެވެ. ޕައި ގެ "ޑިޖިޓަލް ވެލްބީންގ" އަދި އޮތީ ބީޓާ އެޕެއްގެ ގޮތުގައެވެ. މިއީ އެޕަލް އިން ތައާރަފުކުރި ޑޭޝްބޯޑާ މާކަ ބޮޑު ތަފާތެއް ހުރި އެއްޗެއް ނޫނެވެ. އެކަމަކު ކުޑަ ތަފާތެއް ހުރެއެވެ. އެއީ އެޕުން ކަނޑައަޅާފައިވާ ހުދޫދާ ހަމައަށް ދެވުނީމާ އެޕް ބޭނުން ނުކުރެވޭ ގޮތަށް އަޅިކުލައަށް ބަދަލުވުމެވެ. މާނައަކީ އެޕްގެ ސެޓިން ބަދަލު ކުރަން ބޭނުން ނަމަ ދެން ޖެހޭނީ ތަންކޮޅެއް ބޮޑަށް ދަންނަ މީހަކު، އެހެން ފިޔަވަޅުތަކެއް އަޅައިގެން ބަދަލު ކުރާށެވެ. ފަސޭހައިން ކޮންމެ ކޮންމެ މީހަކަށް ބަދަލެއް ނުގެނެވޭނެއެވެ.

ދެން ހިމަނާފައި ވަނީ "ވައިންޑް ޑައުން" ނަމަަކަަށް ކިޔާ ވަސީލަތެކެވެ. އެއީ ވަކި ގަޑިއެއް ޖެހުނީމާ ފޯނުވެސް "ނިދާ" ގޮތަށް ހެދުމެވެ. ނީދީމާ ދެނެް ނޯޓިފިކޭޝަނެއް ނުލިބޭނެއެވެ. އަދި އިސްކިރީނުވެސް ކުލަ ފަނޑުކޮށް ނިދައިފާނެއެވެ. އޮޓަމެޓިކުން "ޑޫ ނޮޓް ޑިސްޓަރބް" މޯޑަށް ބަދަލު ވާނެއެވެ.

މިކަހަލަ ކުދިކުދި ބަދަލުތަކެއް އައި ނަމަވެސް އެކަށީގެންވާ ބޮޑު ބަދަލެއް އަވަހަކަށް އަންނާނޭ ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރައްވައެވެ.

މި ބަދަލުތަކުގެ ނަތީޖާއަކީ ކޮބާ؟

ގޫގްލްގެ މައިގަނޑު ފައިދާ ލިބެނީ އިޝްތިހާރުންނެވެ. އިސްކިރީނު ވަގުތު ކުޑަ ވުމަކީ ކުންފުންޏަށް ލިބޭ ގެއްލުމަކަށް ވާނެއެވެ. އެކަމަކުވެސް ކުންފުނިން ގެންދަނީ "ޑިޖިޓަލް ވެލްބީންގ" އަށް ޚަރަދު ކުރަމުންނެވެ. އެހެންވީމާ މިއީ ކުންފުންޏަށް ލިބޭ ފައިދާ ކުޑަ ވާނޭފަދަ ގޮތަކަށް އަމިއްލައަށް އެޅި ފިޔަވަޅެކެވެ.

ގޫގްލްގެ ތަރުޖަމާނަކު ސީއެންއެން އާ ވާހަކަ ދައްކަވަމުން ބުނއްވިއެވެ. "ބޭނުންކުރާ މީހުންނާއި މުޖުތަމައުގެ ފައިދާއަށް ބެލުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. އެހެންވީމާ އަޅުގަނޑުމެން މަސައްކަތް ކުރަނީ މުޖުތަމަޢަށް ފައިދާ ކުރުވަނިވި އުފެއްދުންތަކެއް ނެރެވޭތޯއެވެ." އޭނާ ބުނުއްވި ގޮތުގައި ކުންފުނީގެ ބޭނުމަކީ ބޭނުންކުރާ މީހުންނަށް ގެއްލުމެއް ނުވާ ގޮތަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ޓެކްނޮލޮޖީގެ ބޭނުން ކުރެވޭނޭ މަގު ފަހިކޮށް ދިނުމެވެ.

އިސްކިރީނު ވަގުތު މައްސަލައަަކަށް ވަނީ ކިހައި ހިސާބަކުން؟

އިސްކިރީނަށް ދެވި ހިފުމާ ބެހޭ ސާފު މިންގަނޑެއް އަދި ކަނޑައެޅިފައެއް ނެތެވެ. އެކަމަކު ދަރިން ފޯނުގެ ތެރެއަށް ގެއްލިފައި ތިބުމަކީ މިހާރު މައިނަބަފައިން ވަރަށް ކަންބޮޑުވާ ކަމަކަށް ވަނީ ވެފައެވެ.

ޓެކްނޮލޮޖީއަކީ ވަސީލަތެކެވެ. ފައިދާ ކުރުވަނިވި އެތައް ކަމެއް ކުރުމަށްޓަކައި ބޭނުންކުރާ އެއްޗެކެވެ. މިހާރަކަށް އައިސް އެޔާ ނުލައި ނުޅެވޭ ވަރަށް އަޅުގަނޑުމެންގެ ދިރިއުޅުމާ ގުޅިފައިވާ އެއްޗެކެވެ. އެހެންވީމާ ފައިދާ ކުރުވަނިވި ކަންތައްތައް ކުރުމުގައިވެސް އިސްކިރީނަށް ބަލަހައްޓައިގެން އެތައް އިރަކު ތިބޭން ޖެހެއެވެ. ގެއްލުންދެނިވި ގޮތަކަށް އިސްކިރީނާ ދޯޅު ކުރުވުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ކަމަށް ގިނަ ބަޔަކު ދެކެނީ ގޫގްލް އާއި ފޭސްބުކްއެވެ.

ފޭސްބުކް އާއި އިންސްޓެގްރާމުން ވަނީ ބޭނުންކުރާ މީހުންނަށް ފައިދާ ކުރާނޭ ފަދަ ގޮތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ދެ ކުންފުނިންވެސް ދެކޭ ގޮތުގައި މިއީ ޒިންމާއެއް ކަމަށް ބަލައިގެން އެޅި ފިޔަވަޅެކެވެ. އެކަމަކު ހަގީގަތަކީ ދުނިޔެއަށް އަންނަ ބަދަލެވެ. މީހުންގެ ވިސްނުމަށް އަންނަ ބަދަލެވެ. އިސްކިރީނަށް ދެވިހިފުމުގެ އާދަޔާ މީހުން ދެކޮޅު ހަދާން ފެށުމެވެ. އެހެންވީމާ މަޖުބޫރުވެގެން ބަދަލެއްގެ ތެރެއަށް ވަންނާން ފެށީއެވެ. ކޮންމެ ގޮތަކަށް އަންނަ ބަދަލަކަށް ވީ ނަމަވެސް ހެޔޮ ބަދަލަކީ ހެޔޮ ބަދެލެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.