ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ދިނުމާގުޅިގެން ދިވެހިސަރުކާރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަޝީދަކީ ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއްކަން ފާފާހަގަކުރައްވައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ އެމަނިކުފާނަށް އިނގިރޭސިވިލާތުން ޙިމާޔަތްދިނީ ކޮން ޙައިސިއްޔަތަކުންކަން ބައްލަވަމުންދާކަމަށެވެ. ނަޝިދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބޭސްފަރުވާއަކަށެވެ. އިނގިރޭސިވިލާތުގައި ހުންނެވި އިރު އެތަށް ފަހަރެއްގެ މަތިން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން ވަނީ ނަޝީދުގެ ސިއްހީ ފަރުވާގެ މުއްދަތު އިތުރުކޮށްދެއްވާފައިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.
އަދި ނަޝީދުގެ ބޭސްފަރުވާއަށްފަހު، އެނބުރި ރާއްޖެވަޑައިގެން އެމަނިކުފާނުގެ ހުކުމުގެ ބާކީބައި ތަންފީޒު ކުރައްވާނެކަމަށް ސަރުކާރުން މިހާތަނަށްވެސް ދެކެވަޑައިގަންނަވަމުންދިޔަކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ މިޢަމަލުން ދޭހަވަނީ އެމަނިކުފާނަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް އިޙުތިރާމްކުރެއްވުމުގެ ބަދަލުގައި ސިޔާސީ ބޭނުންތަކަށް ގާނޫނުތަކުގެ ނާޖައިޒް ފައިދާ ނަންގަވާ ބޭފުޅެއްގެ ގޮތުގައިކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.