އީސީގެ މެމްބަރުން އެއްވެސް ގައުމެއްގެ ހިމާޔަތެއް ނުހޯއްދަވާ: އީސީ

އިލެކްޝަންސް ކޮމިޝަން (އީސީ) 4 މެމްބަރަކު އަވަށްޓެރި ސްރީލަންކާއިން ހިމާޔަތް ހޯއްދަވައިފި ކަމަށް ދައްކާ ވާހަކަތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޮގުކުރައްވައިފިއެވެ.

އީސީ ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މެމްބަރުން ލަންކާއަށް ވަޑައިގެން އުޅުއްވަނީ ރިޔާސީ އިންތިޚާބަށްފަހު މެމްބަރުންނަށް ތަފާތު އިންޒާރުތައް ދޭން ފެށުމުން އެއަށް ކެތްނުވެގެން ކަމަށެވެ.

އެބޭފުޅުން ރާއްޖެއިން ބޭރުގައި ތިއްބެވިޔަސް އީސީގެ ބައްދަލުވުންތަކާއި އެހެންނިހެން ކަންކަން ވެސް ބަރާބަރަށް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅިވިއެވެ.
"ކޮމިޝަންގެ ހަތަރު މެމްބަރުން ރާއްޖެއިން ބޭރުގައި އުޅުއްވާތީ ކޮމިޝަންގެ ޒިންމާ އަދާނުކުރެވިގެން އުޅޭކަމަށް ވެސް ވާހަކަ އެބަފަތުރާ. އަދި އެބޭފުޅުން ހިމާޔަތް ހޯއްދެވީއޭ ކިޔާފައި ވެސް ވާހަކަ އެބަފަތުރާ. އެކަމަކު އެއީ ހަމަ ފަތުރާ އަޑެއް،" ޝަރީފް ވިދާޅުވިއެވެ.

އޭގެ އިތުރަށް މެމްބަރުން ނެތުމުން ކޮމިޝަނުން ކުރަންޖެހޭ ކަންކަންނުވާ ކަމަށް ބުނެ ދައްކަނީ ވެސް އެއްވެސް އަސްލެއްނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާތަނަށް ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއެއް އަދާނުކުރެވިފައެއްނެތް. ކޮމިޝަންގެ މީޓިން ބަރާބަރަށް އެބަ ބޭއްވޭ. ބައްދަލުވުން ބާއްވަން ވެއްޖެއްޔާ ފޯން ކޮންފަރެންސްގެ ޒަރީއްޔާއިން ބައްދަލުވުންތައް އެބަ ބާއްވަން. ކޮމިޝަނުން ނިންމަންޖެހޭ ނިންމުންތައް އެބަ ނިންމަން،" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ކޮމިޝަނުން އަމަލު ކުރައްވައިފައިވާ ގޮތަށް ބަލާއިރު ކޮމިޝަންގެ މެމްބަރުން ރާއްޖެއިން ބޭރުގައި ތިއްބެވިޔަސް ކޮމިޝަންގެ ބައްދަލުވުންތައް ބޭއްވުމަށް ހުރަހެއްނެތް ކަމަށެވެ. "މީގެ ކުރިން އަމަލުކޮށްފައިހުރި އުސޫލުގެ ތެރެއިން ބަލާއިރުގައި ކޮމިޝަންގެ މެމްބަރުން ރާއްޖެއިން ބޭރުގައި ތިއްބެވުމަކީ ކޮމިޝަންގެ މީޓީންއަށް ހުރަސްއެޅޭ ކަމެއްނޫން،" ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.