މޫނު ނިވާކޮށްގެން ހަތިޔާރު އަޅައިގެން ތިބި ބަޔަކު އެފްރިކާގެ އެންމެ ޒުވާން ބިލިއަނަރު ކަމުގައި ބެލެވޭ މުޙައްމަދު ދޭވްޖީ ވަގަށް ނަގައިފިއެވެ. އުމުރުން 43 އަހަރުގެ ދޭވްޖީ ވަގަށް ނަގާފައިވަނީ ޓެންޒޭނިޔާގެ ދާރުއްސަލާމުގެ ޖިމެއްގެ ކުރިމަތިން ކިޑްނެޕްކޮށްފިއެވެ.
އެފްރިކާގެ އެންމެ ބޮޑު އެއް ކުންފުނި މުހައްމަދު އެންޓަޕްރައިޒަސް ޓެންޒޭނިޔާ ލިމިޓެޑް (މެެޓްލް) ގެ ރައީސު އަދި ޓެންޒޭނިޔާގެ ގާނޫނުހަދާ މަޖިލީހުގެ ކުރީގެ މެންބަރު ދޭވްޖީ ކިޑްނެޕްކުރީ އާދައިގެ މަތިން އޭނާގެ ހެނދުނުގެ ކަސްރަތަށް އިއްޔެ (ބުރާސްފަތި ދުވަހު) ހެނދުނު ޖިމަކަށް ވަންނަނިކޮށް މޫނުނިވާކޮށްގެން ތިބި ބަޔަކު ވައިގެ ތެރެއަށް އިންޒާރުގެ ބަޑި ޖެހުމަށް ފަހުގައެވެ.
ދަނޑުވެރިކަމާއި، ދަތުރުފަތުރާއި، ކާބޯތަކެތީގެ ދާއިރާއިން 10 ގައުމެއްގައި އިންވެސްޓްކޮށްފައިވާ މެޓްލް ކުންފުނީގެ ވެރިޔާގެ މުދާވެރިކަން 1.5 ބިލިއަން އެމެރިކާ ޑޮލަަރަށް އަރާކަމުގައި ވެެއެވެ.
"ފުރަތަމަ ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި އޭނާ ކިޑްނެޕްކޮށްފައި ވަނީ ދެ އުޅަނދެއްގައި އައި ދޮން ބަޔަކު. މިއީ މި ސަރަހައްދުގައި އަދި އާ ކަމެއް." ދާރުއްސަލާމް ސަރަހައްދުގެ ގަަވަރުނަރު ޕޯލް މެކޮންޑާ ވިދާޅުވިއެވެ. ދާރުއްސަލާމްގެ ފުލުހުންގެ ވެރިޔާ ލަޒާރޯ މަމްބޮސާސާ ވިދާޅުވި ގޮތުގައި ދޭވްޖީ ކިޑްނެޕްކުރި މީހުން އޭނާ ކާރަކަށް ލައިގެން ގެންދިއުމުގެ ކުރިން "ވަޔަށް ބަޑިޖެހި" އެވެ. އޭނާ ވިދާޅުވީ ފުލުހުން ތުހުމަތުކުރެވޭ މީހުން ހޯދަމުންދާ ކަމަށާ، މިހާރުވެސް ބައެއް މީހުން ހައްޔަރުކޮށްފައި ވާކަމަށެވެ.
ޓެންޒޭނިޔާގެ އިޕެމްބޭއަށް 1975 ވަނައަަހަރު އުފަންވި މުހައްމަދު ދޭވްޖީއަކީ ނަވާރަވަނަ ގަރުނުގެ ތެރޭގައި އިންޑިޔާގެ ގުޖްރާތުން ޓެންޒޭނިޔާއަށް ހިޖުރަކުރި އާއިލާއެއްގެ މީހެެކެެވެ. އޭނާ މަތީ ތައުލީމު ހާސިލުކޮށްފައި ވަނީ ވޮޝިންޓަނުގެ ޖޯޖްޓައުން ޔުނިވަސިޓީންނެވެ. އޭނާ ވަނީ 2005 އިން 2015 އަށް ޓެންޒޭނިޔާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ކޮށްފައެވެ.
2013 ވަނަ އަހަރު ފޯބްސް މަޖައްލާގެ ބޭރުގަނޑަށް އެރި ދޭވްޖީ އަކީ ދާރުއްސަލާމުގެ ސިންބާ ފުޓްބޯލް ކްލަބުގެ އެންމެ ބޮޑު ހިއްސާދާރެވެ. ކައިވެނިކޮށް 3 ކުދިން ތިބި ދޭވްޖީ ވަނީ އޭނާގެ މުދަލުގެ ދެބައިކުޅަ އެއްބައި އެހީގެ ގޮތުގައި އެކިކަންކަމަށް ޚަރަދުކުރުމަށް 2016 ވަނަ އަހަރު ވަސިއްޔަތްކޮށްފައެވެ.
ޓެންޒޭނިޔާގެ ފުލުހުން އެންމެ ފަހުން ޚަބަރުދިން ގޮތުުގައި ދޭވްޖީ ކިޑްނެޕްކުރި މައްސަލައިގައި މިހާތަނަށް 12 މީހުން ހައްޔަރުކޮށްފައި ވެއެވެ. އޭގެ ތެރޭގައި އޭނާ ކަސްރަތުކުރަންދާ ޖިމް ހުރި ހޮޓަލުގެ މެނޭޖަރު ވެސް ހިމެނެއެވެ.