އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ފަޅުވެރިން އުފުލާ އުޅަނދު ސޯޔުޒް ކްރާފްޓް އުފުލައިގެން ދަތުރުކުރި ރޮކެޓް ޖައްވުގެ ތެރޭގައި ހުއްޓިގެން މިއަދު ވެއްޓިއްޖެއެވެ. އެހެންނަަމަވެސް، އެ އުޅަނދުން ދަތުރުކުރި ފަޅުވެރި ވަނީ ސަލާމަތުން އެމަޖެންސީގައި ބިމަށް ތިރިކޮށްފައެވެ.
ސޯޔުޒް ސްޕޭސް ކްރާފްޓްގެ އެތެރެއިން ރެކޯޑްކުރެވިފައިވާ ވީޑިއޯ މަންޒަރުތަކުން ރޮކެޓް ފޭލްވި ވަގުތު އުޅަނދުން ދަތުރުކުރި އެމެރިކާގެ އެސްޓްރޮނޯޓް ނިކް ހޭގާއި، ރަޝިޔާގެ ކޮސްމޮނޯޓް އެލެކްސީ އޮވްޗިނިން ވަރަށް ބޮޑަށް ތެޅޭތަން ފެނިފައި ވެއެވެ.
އެ ރޮކެޓް އުދުއްސާލާފައި ވަނީ ސޮވިއެޓް ޒަމާނުގައި ކަޒަކިސްތާނުގެ ބައިކަނޫރުގައި ހަދާފައިވާ ކޮސްމޮޑްރޯމުންނެވެ. ރޮކެޓް އުދުއްސާލި މަންޒަރު 1 ކިލޯމީޓަރު ދުރުން ބަލައްހުރި ރޮއިޓާސްގެ ރިޕޯޓަރަކު ފާހަގަކުރި ގޮތުގައި ރޮކެޓް އުދުއްސާލުމުގެ ފުރަތަމަ މަރުހަލާ ދިޔައީ ވަރަށް އޮމާންކޮށެވެ. އަދި ބޫސްޓާ ރޮކެޓްތައް ފޭލްވިކަމަށް ވަނީ ތަންކޮޅެއް ފަހުގެ މަރުހަލާއެއްގައެވެ.
އެމެރިކާގެ ނޭޝަނަލް އެއަރޯނޯޓިކްސް އެންޑް ސްޕޭސް އެޑްމިިނިސްޓްރޭޝަން (ނާސާ) އާއި ރަޝިޔާގެ ސްޕޭސް އެޖެންސީ ރޮސްކޮޒްމޮސް އިން ޚަބަރުދޭ ގޮތުގައި ޖައްވީ ދެ ފަޅުވެރިން ދަތުރުކުރި އުޅަނދު ވަނީ ރޮކެޓާ ވަކިވެ ކުއްލި ހާލަތުގައި ކަޒަކިސްތާނުގެ ސަރަހައްދަކަށް ތިރިކޮށްފައެވެ. އަދި ސަލާމަތްކުރާ މީހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ދެ ފަޅުވެރިން ނަގާފައެވެ. ނާސާ ޓީވީން ޚަބަރިދިން ގޮތުގައި އެ ދެމީހުންކުރެ މީހަކަށް ފަރުވާ ދޭކަށް ނެޖެހެއެވެ. ދެ މީހުންގެ ހާލުވެސް ރަނގަޅެވެ.
ރަޝިޔާގެ ބޮޑުވަޒީރުގެ ނާއިބު ޔޫރީ ބޮރިސޯވްއާ ހަވާލާދީ އިންޓަފެކްސް ނިއުސް އެޖެންސީން ޚަބަރުދޭ ގޮތުގައި ރޮކެޓް މައްޗަށް އަރައި، ސޮޔުޒް އުޅަނދާއި ވަކިވުމުގެ ފުރަތަމަ މަރުހަލާއާއި ދެވަނަ މަރުހަލާގެ ތެރޭގައެވެ.
މިހާދިސާއާ ގުޅިގެންް މީހުންނާއެކު ޖައްވަށް އުޅަނދު ފޮނުވުން ރަޝިޔާއިން ވަނީ ވަކި މުއްދަތެއް ނެތި ވަގުތުން ހުއްޓާލާފައެވެ. ރޮސްކޮޒްމޮސްގެ ވެރިޔާ ޑްމިޓްރީ ރޮގޮޒިން ވިދާޅުވީ ގޯސްކޮށް ދިޔަ ކަމެއް ހޯދަން ގައުމީ ތަހުގީގު ކޮމިޝަނެއް އެކުލަވާލަން އޭނާ އަންގަވާފައިވާނެ ކަމުގައެވެ.
މީގެ 20 އަަހަރު ކުރިން ޖައްވަށް ފޮނުވާލި ޖައްވީ ސްޓޭނަޝަނަށް އެސްޓްރޮނޯޓުން ފޮނުވަން ނާސާއިންވެސް މިހާރު ބޭނުންކުރަނީ ރަޝިޔާގެ ސޮޔުޒް އުޅަނދެވެ. ނަމަވެސް އަަންނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ސްޕޭސް އެކްސް ރޮކެޓުގައި ޖައްވީ ސްޓޭޝަނަށް އެސްޓްރޮނޯޓުން ފޮނުވުމަށް ނާސާއިން ދަނި ތައްޔާރުވަމުންނެވެ.