ޖުމްހޫރީޕާޓީގެ ބާނީ ގާސީމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިނުމުގެ ދައުވާ މިއަދު ކްރިމިނަލް ކޯޓުން ބާތިލް ކުރައްވައިފިއެވެ.
ވިލާ ގްރޫޕޫގެ މެނޭޖިންޑިރެކްޓަރ ސިޔާދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ދައުވާ ކްރިމިނަލްކޯޓުން ބާތިލްކުރީ އެކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައެވެ. ސިޔާދު ބަންދުކޮށް އޭނާގެ މައްޗަށް މިދައުވާ އުފުލީ ސްޕްރީމްކޯޓުން ފެބުރުއަރީ އެކެއްގައި ނެރުނު އަމުރަށްފަހު އަމަހުގެ 6 ވަނަ ދުވަހުއެވެ.
ސިޔާދުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން މެލޭޝިއާއިން ފުލެޓް ގަތުމަށް އެބޭފުޅުންނަށް ފައިސާ ދެއްވީ ސިޔާދު ކަމަށެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ކުރީގެ ވެރިޔާ ހަސަން ސައީދު ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ދަބަހެއްގެ ތެރެއިން ސިޔާދު ސޮއިކުރައްވާފައިވާ ސިޓީއެއް ފެނިފައިވާ ކަމަށާއި، އަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުންހުރި ފަރާތަކަށް 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެ ސިޓީން އެނގޭ ކަމަށް ދައުވާގައި ވިދާޅުވެފައިވެއެވެ.
ސިޔާދުގެ މައްޗަށް އުފުލާފައިވާ އެދައުވާ މިއަދު ބާތިލްކުރީ އެއީ ނުކުރައްވާ ކަމެއްކަމަށް ވިދާޅުވެ ސިޔާދު މީގެ ކުރިން ވެސް ވިދާޅުވެފައިވަނިކޮށްނެވެ. ޝަރުތު ތަކާއެކު ސިޔާދު ޖަލުން މިނިވަން ކޮށްފައިވަނީ މިދިޔަ ޖުލައި 19 ވަނަ ދުވަހުއެވެ.