ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުން ބާއްވައިފި

index

ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުން މިއަދު ސްވިޒަރލެންޑުގެ ޖެނީވާގައި ބާއްވައިފިއެވެ.

މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ކަނޑައެޅުނު ޚާއްސަ މައުޟޫއަކީ "ހެލްތު ސެކިއުރިޓީ އެންޑް އެކްސެސް ޓު ޔުނިވަރސަލް ހެލްތު ކަވަރޭޖް" އެވެ. މިބައްދަލުވުމުގައި މެމްބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވުނު މުހިންމު މައުލޫއުތަކުގެ ތެރޭގައި، ސިއްޙީ ޚިދުމަތްތައް އެންމެހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި ފޯރުކޮށްދިނުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ޞިއްޙަތަށްކުރާ އަސަރުތަކާއި، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެކުލަވާލާފައިވާ މުއާހަދާއެއް ކަމުގައިވާ "އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަން"ގެ ދަށުން ޒިކާ ބައްޔާދެކޮޅަށް މެމްބަރު ޤައުމުތަކުން ކުރެވޭ މަސައްކަތަތްކުގެ މަޢުލޫމާތު ހިއްސާކުރުމާއި، ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިވާ ފަދަ ގޮތަކަށް ސިއްޙީ ދާއިރާގެ އެކި ހިދުމަތްތަކާއި ސިޔާސަތުތައް ހަރުދަނާކުރެވޭނެ ގޮތްތައް ހިމެނެއެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސްފަރާތްތަކާދެމެދު ގުޅުންބަދަހި ކުރެވި ސިއްޙަތާއިބެހޭ ގޮތުން މުހިންމު ބައިނަލް އަގުވާމީ މަޝްވަރާތައް ކުރެވުނެވެ.

މިއަހަރުގެ ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލާ އިރުތިޝާމް އާދަމްއެވެ.

އަދި މީގެ އިތުރުން ދިވެހި ރާއްޖޭގެ ވަފުދުގައި މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އައިޝަތު ސާމިޔާއާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު އަދި ޖެނީވާގައި ޤާއިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ޕާމަނަންޓް މިޝަންގެ ޑެޕިއުޓީ ޕާމަނަންޓް ރިޕްރެޒެންޓެޓިވް ޖެފްރީ ސާލިމް ވަހީދު ހިމެނިވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.