ސެޕްޓެމްބަރ 23 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވޯޓުން ވައްކަން ކުރިކަމަށް ބުނެ އަބުރަށް އަރައިގަނެފައިވާ މީހުންގެ މައްސަލަ މިއްދު ސިވިލް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޝަރީފް ވިދާޅުވެއްޖެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އެމައްސަލަ ވައްދަނީ ކޮމިޝަންގެ ފަރާތުން ނޫންކަމަށާއި ފަރުދެއްގެ ހައިސިއްޔަތުން ކަމަށެވެ. "އަޅުގަނޑު މަސައްކަތް މިކުރަނީ ސީދާ އަޅުގަނޑަށް އަމާޒުކޮށް އަޅުގަނޑަކީ ވަގެއް ކަމާއި (ވޯޓުން ވައްކަންކުރި މީހެއް ކަމަށާއި) މިކަހަލަ ކަންކަމަށް ގޮވާލައިފައިވާ ފަރާތްތައް ގޮވައިގެން ބަދަލު ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ވައްދަން ތައްޔާރު ވަމުން. އިރާދަ ކުރެއްވިއްޔާ މިއަދު އެ މައްސަލަ ކޯޓަށް ވައްދާނަން،" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިޚާބަށްފަހު ފުރަތަނަ ދުވަސްކޮޅުގައި ވަޓްސްއެޕުންނާއި، ވައިބަރގުރޫޕުތަކުން އިންޒާރުތައް އައިކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ އިއުލާން ކުރިތާ ތިން ދުވަސްފަހުން މަރުގެ އިންޒާރުވެސް އައިކަމަށެވެ. އެހެން ނަމަވެސް އެ ކޯލް ރެކޯޑު ކުރެވޭގޮތް ނުވިކަމަށް ވިދާޅުވިއެވެ. އެފަދަ އިންޒާރުތައް މިހާރު ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުން ގެންދަވަނީ އޭނާއަށް ވަރަށް ރަނގަޅަށް ސެކިޔުރިޓީ ދެއްވަމުން ކަމަށެވެ. އެހެންނަމަވެސް ކޮމިޝަންގެ ރައީސް ފިޔަވައި އެހެން މެމްބަރުންގެ އާއިލާއާއި ގެއަށް ހިމާޔަތް ދީފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ވެސް އެފަދަ އިންޒާރުތައް އައި ކަމަށެވެ. އެކަންކަން ކަމަށް ކެތް ނުވެގެން 4 މެމްބަރަކު މިހާރުވަނީ ރާއްޖެއިން ބޭރަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެއިން އެއްވެސް މެމްބަރަކު އެއްވެސް ގައުމެއްގެ ހިމާޔަތް ހޯދައިފައި ނުވާކަމަށާއި ހިމާޔަތް ހޯދި ކަމަށް ދައްކާވާހަކައަކީ ކަނޑައެޅިގެން ދޮގުވާހަކަތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޝަރީފްގެ އިތުރަށް ކޮމިޝަންގެ މެމްބަރުންގެ އަގު ވައްޓާލައި ވަގަށް ގޮވައި އެފަދަ ބަދުނާމުތައް ބޮލުގައި އަޅުވައި އެކަންކަން ބްރޯޑް ކާސްޓު ކުރަމުންދާ ޗެނަލްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށްއަދި މިހާރުވާނީ ބްރޯޑުކޮމް އަށް ހުށަހަޅާފައި ކަމަށެވެ.