ރާއްޖޭގައި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ މުޅިދުނިޔެ މިހާރު ވަނީ ގަބޫލުކޮށްފައި ކަމަށާއި މިހިސާބަށް ގޮސްފައި ވަނިކޮށް އިންތިޚާބުގެ ނަތީޖާ ބާތިލު ކޮށްފިނަމަ މުޅިދުނިޔެއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫނާއެކު ނޫސްވެރިންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންގެ ނިންމުން ސަރުކާރުން ގަބޫލު ކުރުމުގެ އިތުރުން ބޭރުގެ ހުރިހާ ގައުމަކުންވެސް ވަނީ ގަބޫލުކޮށްފައި ކަމަށާއި އިންތިޚާބު ބާތިލު ކޮށްފިނަމަ ރާއްޖެއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުގެ ސަބަބުން ދިވެހި ރައްޔިތުން ބަނޑަށް ޖެހެން ބޭނުންފުޅު ނޫން ކަމަށެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމުން ކޯޓަށް ދިޔަސް ހުރިހާ ކޯޓަކުންވެސް ވަރަށް ރަނގަޅަށް ބައްލަވަންޖެހޭނެ ކަމަށާއި އިންތިޚާބު ބާތިލު ކުރަންޖެހޭނެ އެއްވެސް ގޮތެއް ނުފެންނަ ކަމަށެވެ. ދިވެހި ރައްޔިތުން ވޯޓުގައި ބޮޑު ތަނުން ނޫނެކޭ ބުނެފައި ވަނިކޮށް ދެން އިންތިޚާބު ބާތިލު ކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސް މައުމޫނުވެސް އަދި އެމަނިކުފާނުވެސް ކަފާލާތުގެ އުސޫލުން ދޫކުރެވެން ގާނޫނުގައި ކުރިންވެސް އޮތް ކަމަށާއި ނަމަވެސް އެކަން ނުކުރެއްވީ ބާރުވެރި ފަރާތަކުން ބާރު ފޯރުވައިގެން ކަމަށާއި ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަނީ ކޮންބަޔެއްކަން އިތުރަށް ބުނެދޭން ނުޖެހޭނެ ކަމަށެވެ.