ނީލަމުގައި 1.4 މިލިއަން ޑޮލަރަށް ވިއްކާލި ކުރެހުމެއް ވަގުތުން ކުދިކުދި ވެއްޖެ

ލަންޑަންގައި ހުކުރު ދުވަހު ކުރިއަށްދިޔަ ނީލަމެއްގައި 1،042،000 ޕައުންޑަށް މީހަކު ކުރެހުމެއް ގަތުމ އެކު އެކުރެހުން އަމިއްލައަށް ކުދިކުދި ވެއްޖެއެވެ. އެކުރެހުން އަމިއްލައަށް ކުދިކުދިވެގެން ދިޔަ ވަގުތުކޮޅަކީ އާޓްގެ ދުނިޔެއަށް ހައިރާންކަން ގެނުވި ވަގުތުކޮޅެކެވެ.

ލަންޑަންގެ ސޮތެބީގައި ހުކުރު ދުވަހު ހަވީރު ކުރިއަށް ދިޔަ ނީލަމުގައި 1.4 މިލިއަން އެމެރިކާ ޑޮލަރަށް މީހަކު ގަތް މި ކުރެހުމަކީ ބަންކްސީގެ ނަމުން އާޓްގެ ދުނިޔޭގައި މަޝްހޫރް ވެފައިވާ އިނިގރޭސިވިލާތުގެ ކުރެހުންތެރިޔާގެ ކުރެހުމެކެވެ. މި ކުރެހުމަކީ ކެންވާސްގައި ސްޕްރޭ ޕެއިންޓާއި އެކްރިލިކް ބޭނުންކޮށްގެން ކުޑަ އަންހެން ކުއްޖަކު ހިތުގެ ބައްޓަމަށް އޮތް ފުއްޕާހަމަކަށް އަތް ދިއްކުރާ މަންޒަރު ކުރަހާފައިވާ ކުރެހުމެކެވެ. މިއީ 2006ވަނަ އަހަރު ބަންކްސީ ކުރަހާފައިވާ ކުރެހުމެކެވެ.

ބަންކްސީގެ ކުރެހުން ވިއްކައި ނިމުމާއެކު ފްރޭމުގައި އޭނަ ހަރުކޮށްފައި އިން ސިއްރު ޝްރެޑަރ އަކުން ކުދިކުދިވެގެން ތިރިއަށް ކުރެހުން މަޑުމަޑުން ފައިބަން ފެށިއެވެ. އެއާކު ޔޫރަޕްގެ ކޮންޓެމްޕެރަރީ އާޓްގެ ސީނިއަރ ޑައިރެކްޓަރ އަދި އިސްވެރިޔާ ވިދާޅުވި ކަމަށް ސޯތެބީ ވެބްސައިޓުގައި ބުނެފައިވަނީ 'ހީވާގޮތުން އަހަރުމެން ބަންކްސީ ވެއްޖެއެވެ." މި ކުރެހުން އޮޓޮމެޓިކުން ޝްރެޑް ވެގެން ދިޔައީ ނީލަމުގައި އެންމެ ފަހު އަގު އިއްވައި ނިމުނުތަނާއވެ. މިއީ އާޓްގެ ދުނިޔޭގައި މިފަދަ ހަދިސާއެއް ހިނގި ފުރަތަމަ ފަހަރު ކަމަށް ސޯތެބީގެ ވެބްސައިޓުގައި ބުނެފައިވެއެވެ.

ފޮޓޯ: ސޮތެބީ ވެބްސައިޓުން

މި ހާދިސާއަށް ފަހު ބަންކްސީ ވަނި އޭނާގެ އިންސްޓެގްރާމުގައި، ފްރޭމްގައި އޮޓޮމެޓިކް ޝްރެޑަރ  ހަރުކުރި ގޮތް ދައިކުވައިދޭ ވިޑިއޯ އެއް އާއްމުކޮށްފައެވެ. މި ވީޑިއޯގެ ކެޕްޝަންގައި އޭނާ ވަނީ މަޝްހޫރު އާޓިސްޓް ޕިކާސޯ ކޯޓުކޮށްފައެވެ. އެ ބުނުމަކީ 'ފަނާ ކުރާ ހިތްވުމަކީ ވެސް އުފެއްދުންތެރި ފަންނެއް' އެވެ. އަދި ވިޑިއޯގެ ސަބްޓައިޓްލް ގައި އޭނާ ބުނެފައިވަނީ  ކުރެހުން ނީލަން ކިޔައިފިނަމަ އެކުރެހުން ހަލާކުކޮށްލަން ފްރޭމްގައި ސިއްރު ޝްރެޑަރ އެއް ހަރުކުރި ކަމަށް ބުނެފައެވެ.

ފޮޓޯ: ސޮތެބީ ވެބްސައިޓުން
މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.