އިންޓަޕޯލްގެ ވެރިޔާ ވަނީ ޗައިނާ ސަރުކާރުން ހިފަހައްޓާފައި

އިންޓަޕޯލްގެ ރައީސު މެންގް ހޮންގްވޭ

ބައިނަލްއަގްވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލްގެ ވެރިޔާ މެންގް ހޮންގްވޭ ޗައިނާއަށް ވަަޑައިގެން އުޅުއްވަނިކޮށް ވީނުވީއެއް ނޭނގި ގެެއްލިފައި ވަނިކޮށް އޭނާ ޗައިނާ ސަރުކާރުން ހިފަހައްޓާފައިވާ ކަމަށް ޗައިނާގެ ނޫހަކުން ޚަަބަރުދީފިއެވެ. މެންގް އަކީ ޗައިނާގެ ރައްޔިތެކެވެ.

ނަން ހާމަކުރަން ނޭދޭ މަސްއޫލުވެރިއަކާ ހަވާލާދީ ސައުތު ޗައިނާ މޯނިންގ ޕޯސްޓުން ޚަބަރުދޭ ގޮތުގައި 64 އަހަރުގެ މެންގް ފާއިތުވި ހަފުތާގައި ބޭޖިންގަށް ވަޑައިގަތުމާއެކު އޭނާވަނީ ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.

އިންޓަޕޯލްގެ ރައީސު ހިފަހައްޓައިގެން ޗައިނާއިން ހިންގަނީ ކޮން ތަހުގީގެއްކަން ހޮންކޮންގުގައި އިނގިރޭސި ބަހުން ނެރޭ ނޫހުގައި ބަޔާންކޮށްފައި ނުވެއެވެ. އަދި ޗައިނާ ސަރުކާރުންވެސް އެ ޚަބަަރާމެދު އެއްޗެކޭ ބުނެފައި ނުވެއެވެ.

މެންގް ހޮންގްވޭ ގެއްލުމާމެދު ޗައިނާ ސަރުކާރުން ވަނީ މިހާތަނަށް ހިމޭންކަން އިޚްތިޔާރުކޮށްފައެވެ. އަދި އޭއެފްޕީން މައްސަަލައިގެ ތަފްސީލު ހޯދަން ޗައިނާގެ ޚާރިޖީ ވުޒާރާއަށް ގުޅުމުން ޖަވާބެއް ދީފައި ނުވެއެވެ.

10 ނޮވެމްބަރު 2016 އިން ފެށިގެން އިންޓަޕޯލްގެ ރައީސުކަން ކުރައްވާ މެންގް އެންމެފަހުން ފެނިފައި ވަނީ ފާއުތިވި ސެޕްޓެންބަރު މަހުގެ 29 ވަނަ ދުވަހު އިންޓަޕޯލްގެ މައި އޮފީސް ހުންނަ ފްރާންސުގެ ލިއޯންއިން ޗައިނާއަށް ފުރާވަޑައިގަންނަވަނިކޮށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ އަނބިކަނބަލުން ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

މެންގް ހޮންގްވޭއަކީ ޗައިނާގެ ފުލުންގެ ތެރޭގައި މަސައްކަތްކުރައްވާފައިވާ ޗައިނާގެ ސީޔާސީ ބޭފުޅެކެވެ. އޭނާ ވަނީ ޗައިނާގެ މިނިސްޓަރ އޮފް ޕަބްލިކް ސެކިއުރިޓީގެ ނާއިބުކަމާއި ޗައިނާގެ ކޯސްޓްގާޑުގެ ޑިރެކްޓަރުކަން ކުރައްވާފައެވެ. އޭނާ އިންޓަޕޯލްއާއި ގުޅިވަޑައިގަތީ 2004 ވަނަ އަހަރުއެވެ. އެއީ އެއިދާރާގެ ޗައިނާ އޮފީހުގެ ވެރިޔާގެ ގޮތުގައެވެ.

އޭނާ ގެެއްލިފައިވާ ކަން އާއްމުކޮށް އެނގުނީ އޭނާއަށް ވީނުވީއެެއް ނޭނގި ގެއްލިގެން ހޯދަމުން ދާކަން ހުކުރު ދުވަހު ފްރާންސްގެ ފުލުުހުން ހާމަކުރުމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.