މިވަގުތު ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުންވެސް ހުއްޓާލަން އެދިފައިވާނެ- ޝާހިދު

މިވަގުތަކީ ވެރިކަން ބަދަލު ކުރުމުގެ މަރުޙަލާ ކުރިޔަށްދާ ވަގުތު ކަމަށްވާތީ ދައުލަތުގެ އޮފީސް ތަކުން އަލަށް ވަޒީފާއަށް މީހުން ހަމަޖެއްސުމާއި، ވަޒީފާއިން މީހުން ވަކިކުރުންވެސް ހުއްޓާލުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ފަރާތްޕުޅުން ސަރުކާރަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް  ޗެއާމަން އޮފް ޓްރާންސިޝަން ، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިވަގުތަކީ ވެރިކަން ބަދަލު ކުރުމުގެ މަރުޙަލާ ކުރިޔަށްދާ ވަގުތު ކަމަށްވާތީ މިހާރުގެ ސަރުކާރުން އަލަށް ކުރަން ފަށާ ހުރިހާ މުއާމަލާތެއް ހުއްޓާލަން ޖެހޭނެ ކަމަށެވެ. އެގޮތުން ވަޒީފާ ތަކަށް މީހުން އަލަށް ނެގުމާއި ވަޒީފާއިން ވަކިކުރުމުގެ އިތުރުން ދައުލަތުގެ އެސެޓް ވިއްކުންފަދަ މުއާމަލާތްތައްވެސް މަޑުޖައްސާލުމަށް އެދިފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ވަރަށް އޮމާން ކޮށެވެ. އެގޮތުން މިހާތަނަށް ސަރުކާރުގެ 9 މިނިސްޓްރީ އަކާއި 8 ކުންފުންޏަށް ދެވިއްޖެ ކަމަށާއި ދެ މިނިސްޓްރީއަކުން ކުޑަކޮށް އުދަނގޫ ކަންކަން ކުރިމަތި ވިޔަސް ޖުމްލަކޮށް ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެމުންދާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.