ވަރަށް އަވަހަށް އުފާވެރި ޚަބަރެއް ލިބިގެންދާނެ: މުއާޒު

ކުރިއަށްއޮތް ތަނުގައި އުފާވެރި ޚަބަރެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން މިރޭ ބާއްވަމުންދާ މުޒާހަރާގައި ވާހަކަ ދައްކަވަމުން މުއާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ވޯޓު އޮޅުވާލައްވައިފައި ކަމަށެވެ. އެކަމުގެ ހެއްކާއި ގަރީނާވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުންނަށް އިންސާފު ލިބިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އިބްރާހމް މުހައްމަދު ސާލިހަށް 30 އިންސައްތައަށްވުރެ ގިނައިން ނުލިބޭނެކަން އެނގުމުން އިލެކްޝަންސް ކޮމިޝަނާއެކު އިދިކޮޅުން ޑީލް ހެއްދެވި ކަމަށެވެ. އެގޮތަށް ޑީލް ހައްދަވައި ވޯޓުން ވަނީ ބޮޑުތަނުން ވައްކަން ކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން 23 ސެޕްޓެމްބަރުގެ ވޯޓަކީ ބާތިލް އެއްޗެއް ކަމަށާއި، އަލުން އިންތިޚާބެއް ބާއްވައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. މުއާޒު އެ ވިދާޅުވާ އުފާވެރި ޚަބަރަކީ އަލުން އިންތިޚާބު ބޭއްވުމެވެ. އޭނާ ވިދާޅުވީ ބޭނުންވަނީ އޮޅުވާލާ އިންތިޚާބެއް ނޫން ކަމަށެވެ. ބޭނުންވަނީ އިންސާފުވެރި ކަމާއި ހަމައިގެ މަތިން ބާއްވާ އިންތިޚާބެއް ކަމަށް ވިދާޅުވިއެވެ.

ޑީލެއްގެ ދަށުން ބޭއްވި އިންތިޚާބުން ހޮވި ވަޑައިގަންނަވާ ބޭފުޅަކު ހުވައި ކުރެއްވިއްޔަސް ސައްހަ ނުވާނެ ކަމަށާއި އެބޭފުޅަކު ވެސް ވެގެންދާނީ ބާތިލް ބޭފުޅަކަށް ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން މިހާރު ކުރިއަށްދާ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލައި އެކަމަށް އެއްވެސް މުއައްސަސާއަކުން އެއްބާރުލުން ނުދިނުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.