ދުއްތުރާތަކަށް ކެތްނުވެގެން އީސީގެ މެމްބަރުން ރާއްޖެއިން ބޭރަށް

ސެޕްޓެމްބަރު 23 ގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނަށް ތަފާތު އިންޒާރުތައް ލިބެމުންދިޔުމާ ގުޅިގެން އެކޮމިޝަންގެ ރައީސް ފިޔަވައި އެހެން މެމްބަރުން ރާއްޖެއިން ބޭރަށް ވަޑައިގެންފިއެވެ.

އިލެކްޝަންސް ކޮމިޝަން ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެބޭފުޅުންގެ ތެރެއިން އިސްމާއީލް ހަބީބު ބޭރަށް ވަޑައިގެންނެވީ މެޑިކަލް ކަމެއްގައެވެ. އަންނަ ހޯމަދުވަހު ހަބީބު މާލެ ވަޑައިގަންނަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މެމްބަރުން ބޭރަށް ވަޑައިގެންނެވީ ތަފާތު އިންޒާރުތައް ލިބި އެކިގޮތްގޮތުން ދުއްތުރާތައް ކުރަން ފެށުމުން ކަމަށެވެ. އެގޮތުން ދަންވަރު އެބޭފުޅުންގެ ގޭގެއަށް ގޮސް ދޮރުގައި ތަޅައި ހަދާކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"ހަގީގަތަކީ ކޮމިޝަންގެ މެމްބަރުންނަށް ތަފާތު އިންޒާރާއި ދުއްތުރާތައް ކުރާތީ ބިރުން ހަމަ އެވަޑައިގެންނެވީ. އަޅުގަނޑުމެންގެ ބައެއް މެމްބަރުންގެ ގޭގޭގައި ދަންވަރު ގަޑީގައި މީހުން އައިސް ތަޅައި މިކަހަލަ ދުއްތުރާވެސް އެބަކުރޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސެކިޔުރިޓީ ދީފައި އޮންނަނީ ހަމައެކަނި މެމްބަރުންނަށް ކަމަށާއި އާއިލާއަށް އެފަދަ ކަމެއް ނޯންނަ ކަމަށެވެ. ގެއަށް ނުވަތަ އާއިލާއަށް ސެކިޔުރިޓީ ދީފައިވަނީ ހަމައެކަނި ކޮޝަންގެ ރައީސަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެބޭފުޅުން ބޭރަށް ވަޑައިގެންނެވީ ކެތްނުވެގެން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ބޭރަށް ވަޑައިނުގެން ހުންނެވީ ޝަރީފް އެކަންޏެވެ.

"މެމްބަރުންނަށް ސެކިޔުރިޓީ މިދެވޭނީ. މެމްބަރުންގެ އާއިލާއަށްނެތް ސެކިޔުރިޓީއެއް ދެވިފައެއް. އަޅުގަނޑަށް (ކޮމިޝަންގެ ރައީސަށް) އެކަނި ގޭގެ ސެކިޔުރިޓީ ދެވިފައިމިވަނީ،" ޝަރީފް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށްފަހު ޕީޕީއެމުންވަނީ އިލެކްޝަނުގެ މައްޗަށް ނަތީޖާ އޮޅުވާލި ކަމުގެ ތުހުމަތު ކޮށްފައެވެ. ރައީސް ޔާމީން ވެސް ވިދާޅުވެފައިވަނީ އީސީއަށް ނުފޫޒު ވަދެފައިވާ ކަމަށެވެ. އެހެންކަމުން އިންތިޚާބާ ގުޅިގެން ހިނގައިފައިވާ އެފަދަ ހުރިހާ ކަމެއް ރައްޔިތުންނަށް ހާމަކުރުމަށް ޕީޕީއެމުންވަނީ ގޮވާލައިފައެވެ.

ރިޔާސީ އިންތިޚާބުގައި އިބްރާހީމް މުހައްމަދު ސާލިހާ ވާދަކުރައްވައި ރައީސް ޔާމީންވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. ރައީސް ޔާމީން ވަނީ އެބަލި ގަބޫލުވެސް ކުރައްވައިފައެވެ. އެހެންނަމަވެސް މިހާރު ޕީޕީއެމުން ގެންދަނީ ނަތީޖާއާ މެދު ހިތްހަމަ ނުޖެހިގެން މުޒާހަރާ ވެސް ކުރަން ފަށައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.