ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ މެމްބަރުން މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވާ ނިންމުން ބަދަލުކޮށް ސްޕްރީމްކޯޓުން ގޮތެއް ނިމެންދެން އެދާއިރާ ތަކުގެ ބައިއިލެކްޝަންސް ނުބާއްވާނެ ކަމަށް އީސީން ނިންމި ނިންމުން ސްޕްރީމްކޯޓުން ބާތިލް ކުރައްވައިފިއެވެ.
ސްޕްރީމްކޯޓުން ނެރުނު އަމުރުގައު ބުނެފައިވަނީ 12 މެމްބަރުންގެ މައްސަލަ ބަލައި ގޮތް ނިނުމުގެ ބާރު ލިބިގެންވަނީ އެ ކޯޓަށް ކަމަށެވެ. އެހެން ކަމުން އީސީން ވެސް އަދި ދައުލަތުގެ އެހެން އިދާރާއަކަށް ވެސް އެކަމަށް ވަކިގޮތެއް ނުނިންމޭނެ ކަމަށް ވެސް އެބަޔާނުގައިވެއެވެ.
ސްޕްރީމް ކޯޓުން އެ މައްސަލަ ބަލަމުންދަނިކޮށް އެހެން މުއައްސަސާއަކުން އެކަމާ ގުޅޭ ގޮތުން ވަކިގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށް އަމުރުގައި ވެއެވެ. އެ މައްސަލަ ސްޕްރީމް ކޯޓުން ބަލައި ނިމެންދެން އެ މެމްބަރުންނަށް މަޖިލީހުގެ މަސައްކަތެއްގައި ބައިވެރިނުވެވޭ ކަމަށް ވެސް އަމުރުގައިވެއެވެ.
އީސީން ވެސް ބުނެފައިވަނީ އެތަނުގެ ކުރީގެ ނިންމުން ބަދަލުކުރީ މުތާލިއާ ކުރުމަށްފަހު އެވެ. ސްޕްރީމް ކޯޓުން ނިންމަވާ ގޮތަކަށް ބެލުމަށްފަހު އިލެކްޝަނުން އަމަލު ކުރާއްނެ ކަމަށް ވެސް ބުނެފައިވެއެވެ.