ޕީޕީއެމްގެ ކުއްލި ކޮންގްރެސް ބަލައި ނުގަތުމަށް އީސީން ނިންމަވައިފި

pic: @ElectionsMv Twitter

ޕީޕީއެމް އިން ކުއްލިއަކަށް ކޮންގްރެސް ބާއްވައި އެޕާޓީގެ އައު ރައީސާއި، ނާއިބު ރައީސުން ހޮވި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައުވަނީ ޕީޕީއެމްގެ ކުއްލި ކޮންގްރެސް ބާއްވައިފައިވަނީ އިޖުރާއުތައް ފުރިހަމަ ނުކޮށް ކަމަށެވެ. އެހެން ކަމުން އެ ކޮންގްރެސްގައި ނިންމަވާފައިވާ ކަންކަން ބަލައިގަނެވެންނެތް ކަމަށް އިލެކްޝަނުން ވިދާޅުވެފައިވެއެވެ.

"ޕީޕީއެމްއިން 2018 ސެޕްޓެމްބަރ 28 ގައި ޚާއްސަގޮތުން ބޭއްވުނު އެޕާޓީގެ ގައުމީޖަލްސާ ބާއްވާފައިވަނީ އިޖުރާއުތައް ފުރިހަމަނުކޮށް ކަމަށްވާތީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެ ޖަލްސާގެ ނިންމުންތައް އެންޑޯސް ކުރެވެންނެތް ކަމަށް ނިންމައިފި،" އީސީގެ ރަސްމީ ޓްވިޓަރގައި ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތީ އޮބްޒާވަރުންގެ ރިޕޯޓަށް ބެލުމަށްފަހުގައި ކަމަށެވެ. ކޮންގްރެސްގައި ފުރިހަމަވާންޖެހޭ އިޖުރާތުތައް ފުރިހަމަ ވެފައިނުވާކަމަށް އޮބްޒާވަރުންގެ ރިޕޯޓުގައި ފާހަގަ ކުރައްވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަނުން މި ނިންމެވުމުން ނިންމެވިއިރު ކޮންގްރެސް ބާއްވައިފައިވަނީ އާސާސީ ގަވާއިދުގައި ބުނެފައިވާ އިޖުރާތުތައް ފުރިހަމަ ނުކޮށްކަމަށް ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ މައްސަލަ ރަނގަޅަށް ބައްލަވައި ދެއްވުމަށް އެދިވަޑައިގެން ރައީސް މައުމޫން އިއްޔެވަނީ އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ހުށަހަޅުއްވައިފައެވެ.

ޕީޕީއެމްގެ ކުއްލި ކޮންގްރެސް ބޭއްވުމަށް ނިންމަވައި އެކަން ހާމަކުރެއްވުމުން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންވަނީ ކޮންގްރެސް ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށްއެދި ސިވިލްކޯޓަށް މައްސަލަ ހުށަހަޅުއްވައިފައެވެ. އަދި އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އެ ކޮބްގްރެސް ހުއްޓުވައި ދެއްވުމަށް އެދި އިލެކްޝަނަށް ވެސް ހުށަހަޅުއްވައިފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.