އަޅުގަނޑު ހުންނާނީ އިންސާފުގެ މަގުގައި: ޝަރީފް

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް ސްލައިމާން ހުންނެވި ދުވަސްވަރެވެ. އޭރު މިހާރުގެ ރައީސް އަހުމަދު ޝަރީފް އާދަމް ހުންނެވީ ފަނަކައިގެ މެނޭޖިން ޑިރެކްޓަރަކަށެވެ.

ރިޔާސީ އިންތިޚާބު ކައިރިވަމުން އައިވަރަކަށް ފެތުރެންފެށި އަޑަކީ ސްލައިމާން އެހެން ތަނަކަށް ބަދަލުކުރުމަށްފަހު ޝަރީފް އިލެކްޝަނަށްލާ ވާހަކައެވެ. ބޭނުމަކީ ސްލައިމާނަށްވުރެ "ގަޓުގައި" ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަކަށް ކަންކަން ކުރެއްވޭނީ ޝަރީފަށް ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާތީ ކަމަށް ވާހަކަ ފެތުރުނެވެ.

ސްލައިމާން އެހެންތަނަކަށް ބަދަލު ކުރުމަށްފަހު ޝަރީފް އީސީއަށް އައްޔަން ކުރެއްވިއެވެ. އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ހެސްކިޔާފައި އަމާޒުވިއެވެ. ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ވޯޓު އޮޅުވާލާނެ ވާހަކަ އާންމުވިއެވެ. އިންތިޚާބުގައި މަކަރު ހެދުމަށް ޕްރޮގްރާމް ކޮށްފައިވާ ޓެބްލެޓް ތަކެއް ޗައިނާއިން ގެންނަ ވާހަކަ ވެސް އަޑު އިވެން ފެށިއެވެ. އޭރުވެސް ޝަރީފް އެއަށް ދެއްވި ރައްދު މިހާރު ދިފާއު ކުރައްވައެވެ.

ޝަރީފް އޭރުވެސް ވިދާޅުވީ ބަޔަކު ކޮންމެ އެއްޗެއް ކިޔަސް އޭނާ ހުންނަވާނޫ އިންސާފުގެ މަގުގައި ކަމަށެވެ. ގާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިންތިޚާބު ބާއްވައި ދާއިމީ ނަތީޖާއާ ހަމައަށް ވެސް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ޝަރީފަށް ރައްދުވިއެވެ. އިންތިޚާބު އިބްރާހީމް މުހައްމަދު ސާލިހަށް ކާމިޔާބުވެވަޑައިގެންނެވުމުން ގުޅިފައިވާ ޕާޓީތަކުގެ އެންމެންގެ ޝަކުރު އީސީއަށް ގޮސް ހުއްޓުނެވެ. އިންތިޚާބުން މޮޅުވީމައެވެ. ބަލިވިނަމަ އެމީހުން ހަދާނެ ގޮތެއް ނުވެސް އެނގައެވެ. އެކަމަކު އިންތިޚާބުން ބަލިވީ ރައީސް ޔާމީނެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އެވެ. އެމަނިކުފާނަށް ސަރުކާރު އޮވެމެ ބަލިވި ބަލިވުން ޕީޕީއެމަށް ވެސް ހަޖަމެއްނުވިއެވެ. އެންމެފަހުން ފައިސާ ނަގައިގެން އެމްޑީޕީއަށް އިންތިޚާބު ފަހިކޮށްދިން ކަމުގެ ތަހުމަތު ޝަރީފަށް ކުރަމުން ޕީޕީއެމް އެވަނީ މަގުމައްޗަށް ނުކުމެފައެވެ. ޝަރީފްގެ އިސްތިއުފާއަށް ގޮވިއެވެ. އޭނާ ހައްޔަރު ކުރުމަށް ގޮވިއެވެ. ވޯޓުގެ ކަންކަން ދިޔަގޮތް ރަނގަޅަށް އޮޅުން ފިލުވައި ދެއްވުމަށް އެދެމުން ދިޔައެވެ.

މިއަށް ޝަރީފް ވަނީ ރައްދު ނުވަތަ ޖަވާބު ދެއްވައިފައެވެ. އޭނާގެ ވާހަކަ ވަރަށް ކުރެވެ. އޭނާ ވިދާޅުވީ އިންތިޚާބަކީ ރައްޔިތުންގެ އަޑު ކަމަށެވެ. ސެޕްޓެމްބަރ 23 ގައި ރައްޔިތުން އެމީހުންގެ އަޑު އިއްވައިފިއެވެ. އިންތިޚާބުގެ ކުރިން ވެސް އަދި ފަހުން ކިޔަމުންދާ ފާޑުކިޔުންތަކަށް ވެސް ސާބިތުކަމާއެކު ކުރިމަތި ލެއްވި ކަމަށް ވެސް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެވަނީ އައްޑު އިއްވައިފައި ކަމަށާއި އެއަޑު އެހުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ އަބަދުވެސް އިސްކުރައްވާނީ ގާނޫނު ކަމަށް ވެސް ވިދާޅުވިއެވެ.

"ފެތުރިގެންދިޔަ ވާހަކަތަކީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް. ލީކުކޮށްގެން އުޅެނީ އެޑިޓް ކޮށްފައިވާ ފޭކު އޯޑިއޯއެއް. ގާނޫނާއި ގަވާއިދާއި އިންތިޚާބާ ބެހޭ ގާނުނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެ. ކަނޑައެޅި ޓައިމްލައިނާ އެގޮތަށް ހުރިހާ ކަމެއް ކުރިއަށް ގެންގޮސް އިންތިޚާބު އަމާން އޮމާން ކަމާއެކުވަނީހުރިހާ ކަމެއްވެސް ނިމިފައި،" ޝަރީފް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.