ކަފާލާތުގެ ދަށުން ގާސިމާއި، ފާރިސް ދޫކޮށްލައިފި

ކަފާލާތުގެ ދަށުން މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމާއި، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް އިބްރާހީމް ދޫކޮށްލައިފިއެވެ.

ރިޝްވަތް ދިނުމުގެ ކުށުގައި ގާސިމް ޖަލަށްލައިފައިވަނީ ތިން އަހަރާއި، ދެމަހާއި، ބާރަ ދުވަހަށެވެ. ކަފާލާތުގެ ދަށުން އޭނާދޫކޮށްލުމަށް ހައިކޯޓުން އަމުރު ނެރުނީ އިސްތިއުނާފްގެ މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ދޫކޮށްލައި ދިނުމަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުންނެވެ. ހައިކޯޓުން މި އަމުރުކުރި އިރު އޭނާ ހުންނެވީ ޖަރުމަނު ވިލާތުގައެވެ. ގާސިމް ޖަރުމަނަށް ވަޑައިގެންނެވީ ބޭސް ފަރުވާއަކަށެވެ. އެ ވަޑައިގެންނެވި ގޮތަށް އަދި ރާއްޖެ ވަޑައެއް ނުގަންނަވައެވެ. ގާސިމް މިނިވަން ކުރެއްވީ ކަފާލާތުގެ ދަށުން ހަތްދިހަ ހާސް ރުފިޔާގެ ޑީޕޮސިޓެއް ހައިކޯޓަށް ދެއްކުމުންނެވެ.

ގާސިމްގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ކަފާލާތުގެ ދަށުން ދޫކުރައްވައިފައެވެ. އޭނާ ޖަލަށްލައިފައިވަނީ ހަތަރު މަހާއި 24 ދުވަހަށެވެ. މި ބޭފުޅުންގެ އިތުރަށް ކުރީގެ ރައީސް މައުމޫން ވެސް ވަނީ ޖަލުން މިނިވަން ކުރައްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.