ރައީސް ޔާމީނާ ޑީލްހަދައިގެން ގެއަށް ބަދަލު ވުމުގެ ފުރުސަތު މައުމޫނަށް އޮތް: ނާދިރާ

އާމިނަތު ނާދިރާ: ފޯޓޯ- ރާއްޖެއެމްވީ

މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭނުންފުޅުވިނަމަ ރައީސް ޔާމީނާއެކު ޑީލް ހައްދަވައިގެން ގެއަށް ބަދަލުވުމުގެ ފުރުސަތު އޮތްކަމަށް މައުމޫން ރިފޯމްމޫވްމެންޓްގެ އިސްކޮށް ހަރަކާތްތެރިވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި މިއަދު ވާހާކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ކަންކަން ކުރައްވާ ކަމަށްވާނަމަ ރައީސް މައުމޫން ގޭއަށް ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން އެކިމީސްމީހުން މައުމޫން އަރިހަށް ފޮނުއްވި ކަމަށެވެ. އަދި އެފުރުސަތު ފާރިސް މައުމޫނާއި، މުހައްމަދު ނަދީމަށް ވެސް އޮތް ކަމަށެވެ. "އެހެންނަމަވެސް ރައީސް މައުމޫންވެސް އަދި ފާރިސް ވެސް ނަދީމު ވެސް ބޭނުންފުޅެއް ނުވި ޑީލްހައްދަވައިގެން ގެއަށް ބަދަލުވާން. އުމުރުން އަށްޑިހައަށްވުރެ މައްޗަށް ގޮސްފައިވާ މައުމޫން ޖަލުގައި އެހުންނަވަނީ ހިތްވަރުފުޅު ގަދަކަމުން،" ނާދިރާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫން ގެއަށް ބަދަލު ކުރުމަށް ކަރެކްޝަންގެ ދަށުން ހިންގާ މެޑިކަލް ބޯޑުން ލަފާދެއްވުމުން އެކަމަށް ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި އެމަނިކުފާނާ މެދު ފުލުހުންނާއި ކަރެކްޝަނުންވެސް ވަރަށް އިހާނެތިކޮށް ކަންތައް ކުރައްވައިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އެގޮތުން ރައީސް މައުމޫންގެ ބޭސް ފޮރުވި ކަމަށާއި، ބަލިހާލު ހުރިގޮތުން 48 ގަޑިއިރު ވަންދެން ކޮޅަށް ތެދުވެ ވަޑައިނުގެން އޮންނެވުމަށް ޑޮކްޓަރު އެންގެވުމުން އެމަނިކުފާނު މާފުށީ ޖަލުން ދޫނިދުއަށް ގެންދިޔަ ކަމަށްވެސް ނާދިރާ ވިދާޅުވިއެވެ. އެއީ ރައީސް މައުމޫނަށް ޖެއްސުން ކުރެއްވުމަށް ކުރެއްވި ކަންކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.