މެމްބަރުންނަށް ގެއްލުންވާނެތީ ޕީޕީއެމްގެ ކޮންގްރެސް ހުއްޓުވައި ދިނުމަށް ހުށަހަޅައިފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ކުއްލި ކޮންގްރެސް ހުއްޓުވައި ދެއްވުމަށްއެދި ސިވިލް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

މިމައްސަލަ ކޯޓަށް ހުށަހެޅުއްވީ ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ. މި މައްސަލަ ހުށަހެޅުއްވީ ޕާޓީ ހިންގެވުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވަނިކޮށްނެވެ.

އެމައްސަލަ ހުށަހަޅުއްވަމުން ޔުމްނާ ވިދާޅުވެފައިވަނީ އެޕާޓީ ހިންގަވަން މުސްތަޝާރާ ހަވާލުކުރެއްވީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެޕާޓީގައި މިހާރު އޮންނާނީ ސައްހަނޫން ކައުންސިލެއް ކަމަށާއި އެފަދަ ކައުންސިލަކުން ބާއްވާ ކްންގްރެސެއް ވެސް ސައްހަނުވާނެ ކަމަށް ކޯޓުއަމުރަކަށް އެދި ޔުމްނާ ހުށަހެޅުއްވި ފޯމުގައިވެއެވެ.

ޔުމްނާ ވިދާޅުވެފައިވަނީ "މި އަމުރު ނުނެރެފި ނަމަ ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް އެތައް ޚަރަދެއް ހިނގާނެ އެވެ. އެހާ ބޮޑު ޚަރަދެއް ހިނގުމަށްފަހު ބާއްވާ ޖަލްސާގެ ނިންމުންތައް އެއީ، މި މައްސަލަ ނިމޭ ގޮތެއްގެ މައްޗަށް ބަލާއިރު ޣައިރު ގާނޫނީ ނިންމުންތަކަކަށް ވެއްޖެ ނަމަ އެތައް ހާސް ބައެއްގެ ވަގުތާއި ފައިސާ އަދި ޕާޓީގެ މެމްބަރުންގެ ހައްގުތައް އިއާދަ ނުކުރެވޭ މިންވަރަށް ގެއްލިގެން ދާނެއެވެ."

ކޮންގްރެސް ހުއްޓުވައި ދެއްވުމަށްއެދި ޔުމްނާގެ ފިރިމީހާ އަދި ޕީޕީއެމްގެ ކުރީގެ ކައުންސިލްމެމްބަރު މުހައްމަދު ނަދީމު ވަނީ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅުއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.