މަހުލޫފު ވެސް މިނިވަން ކުރައްވައިފި

ޝަރީއަތް ނިމެންދެން ގޭގައި ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުވެސް މިއަދު މިނިވަން ކުރައްވައިފިއެވެ.

އޭނާ ގޭ ބަންދު ކޮށްފައި ބެހެއްޓުމަށް ކޯޓުން އަމުރުނެރުނީ ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައެވެ. އޭނާ މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމެވީ އޭނާގެ ބަންދު އަލުން މުތާލިއާ ކުރެއްވުމަށް އެދި އޭނާގެ ވަކީލުން ކޯޓަށް ސިޓީއެއް ވެސް ފޮނުވާފައިވަނިކޮށެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ކްރިމިނަލް ކޯޓުންވަނީ އެއްވެސް ޝަރުތެއްނެތި އޭނާ ދޫކޮށްލުމަށް އަމުރު ކުރައްވައިފައެވެ. އޭނާ ގޭބަންދުގައި ބަހައްޓަން އަމުރުކުރީ އެޕްރީލް 4 ގައެވެ. އޭނާ ބަންދުކުރީ ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހެއްކަށް ނުފޫޒު ފޯރުވައިފާނެތީއެވެ. އެހެންނަމަވެސް ދޫކޮށްލިއިރުވެސް އެފަދަ ކަމެއް ހިނގާފައެއް ނުވެއެވެ.

މިއަދު މަހުލޫފު މިނިވަންކުރިއިރު ދަގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނާއި، ޖޭޕީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒާއި ކުރީގެ ސީޕީ އަހުމަދު އަރީފް ވެސް އިއްޔެވަނީ މިނިވަން ކޮށްފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.