ދިވެހިރާއްޖޭގައި އިއްޔެ ބޭއްވި ރިޔާސީއިންތިޚާބު ކާމިޔާބު ކުރެއްވި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު ވީހާވެސް އަވަހަކަށް އިންޑިއާއަށް ވަޑައިގެންނެވުމަށް އެދި އެގައުމުގެ ބޮޑުވަޒީރު ދައުވަތު ދެއްވައިފިއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ އިބްރާހީމް މުހައްމަދު ސާލިހަށް މިދައުވަތު ދެއްވީ އިންތިޚާބު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މޯދީގެ މިދައުވަތު އިބްރާހީމް މުހައްމަދު ސާލިހު ވަނީ ގާބޫލު ކުރައްވައިފައެވެ.
މޯދި ފޯނުކުރައްވައިފައި ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ހީނަރުވެފައިވާ ގުޅުން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ކަމަށް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ. އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ އެންމެގާތް އެއް ގައުމުކަމަށާއި މުސްތަގުބަލުގައި ވެސް އެކަން އޮންނާނީ އެހެން ކަމަށް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވިއެވެ.
އެ ދެބޭފުޅުންގެ ވާހަކަފުޅުގައި ރާއްޖެއަށް ބޭނުންވާ ތަރައްގީ ގެންނެވުމަށް އިންޑިއާއިން ރާއްޖެއަށް އެހީތެރިވާނެ ކަމަށް މޯދީވަނީ ވިދާޅުވެފައެވެ.